ދުނިޔެ

ދޮލްޗޭ އެންޑް ގަބާނާއިން ބުރުގާ އަޅާފަރާތްތަކަށް ޚާއްސަ!


މަޝްހޫރު ފެޝަން ބްރޭންޑެއްކަމަށްވާ ދޮލްޗޭ އެންޑް ގަބާނާއިން ބުރުގާ އަޅާފަރާތްތަކަށް ޚާއްސަ ފެޝަން ލައިނެއް ތަޢާރަފްކޮށްފިއެވެ.ފެޝަން ޑިޒައިނަރ ދޮމިނިކޯ ދޮލްޗޭ އަދި ސްތެފާނޯ ގަބާނާ އިން ބުރުގާ އަޅާ ފަރާތްތަކަށް ޚާއްސަކޮށް ނެރުނު ފެޝަން ލައިންއަށް ކިޔަނީ ދި އަބާޔާ ކަލެކްޝަން: ދި އެލުއަރ އޮފް މިޑިލް އީސްޓެވެ. މިކަލެކްޝަންގެ ހެދުންތައް ފުރަތަމަ ފަހަރަށް ޢާންމުކޮށްފައިވަނީ ސްޓައިލް ޑޮޓް ކޮމް/އަރަބިއާގެ ވެބްސައިޓުން ފާއިތުވި ހަފްތާގެ ކުރީ ކޮޅުއެވެ. ދޮލްޗޭ އެންޑް ގަބާނާއިން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިކަލެކްޝަންއަކީ ޢަރަބި އަންހެނުންގެ ރީތިކަމާއި ނަލަކަން ދައްކުވައިދިނުމުގެ މަޤްޞަދުގައި ނެރިފައިވާ ކަލެކްޝަނެއްކަމަށެވެ.މިގޮތުން ދޮލްޗޭ އެންޑް ގަބާނާގެ މިކަލެކްޝަންގައި ކުރިޔާއި ޚިލާފަށް ގަޔަށް ދޫ، ފަށުވި ފޮތިން ފަރުމާކޮށްފައިވާ އަބާޔާ ހެދުންތަކެއް ހިމެނެއެވެ. މީގެތެރޭގައި ދޮލްޗޭ އެންޑް ގަބާނާގެ 2016 ޚަރީފު މޫސުމާއި ހޫނު މޫސުމުގެ ކަލެކްޝަންގައި ހިމެނޭ ބައެއް މެޓީރިއަލްއިން ބޭނުންކޮށްގެން ފަހާފައިވާ ހެދުން ފެނިގެންދެއެވެ. މިމަހު ވިއްކަން ފެށި މިކަލެކްޝަން ދޮލްޗޭ އެންޑް ގަބާނާގެ މިޑިލް އީސްޓްގެ ފިހާރަތަކުންނާއި ޕެރިސް ލަންޑަން، މިލާން އަދި މިއުނިކްގެ ބައެއް ފިހާރަތަކުން މިހާރުދަނީ ވިއްކަމުންނެވެ. ފަހަކަށް އައިސް ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑުތަކުން މުސްލިމުންނަށް އަމާޒުކޮށް ދަނީ ތަފާތު ކަލެކްޝަންތައް ތަޢާރަފްކުރަމުންނެވެ. މިގޮތުން ޓޮމީ ހިލްފިގަރ، ޑީކޭއެންވައި އަދި ފަހަކަށް އައިސް މަޝްހޫރުކަން ހޯދަން ފަށާގައިވާ މެންގޯ ފަދަ ބްރޭންޑްތަކުންވެސް ޢަރަބި މާރކެޓަށް އަމާޒުކޮށް ތަފާތު އުފެއްދުންތައް ނެރެފައިވެއެވެ. އަދި އެޗް އެންޑް އެމްއިން ވެސް ދާދި ފަހުން ބުރުގާ އެޅި މޮޑެލްއެއް އެކުންފުނީގެ އިޝްތިހާރެއްގައި ބޭނުންކޮށްފައިވެއެވެ.