ޚަބަރު

އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމުކުރާ މަސް ފެކްޓްރީގެ ބިންގާ އެޅުން


އައްޑު ސިޓީ ހުޅުމީދޫގައި ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސް، ނުވަތަ މަސްފެކްޓްރީގެ ބިންގާ މިއަދު އަޅައިފިއެވެ.މިކަމަށްޓަކައި މިއަދު އައްޑޫ ސިޓީ ހުޅުމީދޫގައި އޮތް ރަސްމިއްޔާތެއްގައި މަސްފެކްޓަރީގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. ހުޅުމީދޫ މަސްފެކްޓަރީގެ މަސައްކަތް ފެށުން ފާހަގަކުރުމުގެ ގޮތުން މިރޭ ޙާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ސ. އަތޮޅު ތައުލީމީ މަރުކަޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާނީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ. އައްޑު ސިޓީ ހުޅުމީދޫގައި ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސް، ނުވަތަ މަސްފެކްޓްރީގެ މަޝްރޫއަކީ 117 މިލިޔަން ރުފިޔާ ގެ މަޝްރޫއެކެވެ.މި ފެކްޓަރީގައި 1500 މެޓްރިކްޓަންގެ ކޯލްޑް ސްޓޯރޭޖަކާއި 100 މެޓްރިކްޓަން ބްރައިން ފްރީޒްކުރުމުގެ ގާބިލްކަން ހުންނާނެއެވެ. އަދި 50 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަމާއި 100 ޓަނުގެ  ސްޓޯރޭޖެއްވެސް މި ފެކްޓްރީގައި ހުންނާނެއެވެ. އަދި މީގެއިތުރުން 200 ޓަން ޑީސަލް ސްޓޯރޭޖާއި 250 ޓަން ފްރެޝް ވޯޓަރ ސްޓޯރޭޖެއްގެ އިތުރުން މަސްވެރިންގެ މެރީނާއެއް އެތަނުގައި ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. އައްޑޫ ސިޓީގައި ޤާއިމްކުރާ މި މަސްފެކްޓަރީއާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް ވިދާޅުވީ  މި މަސްފެކްޓަރީގެ މަސައްކަތް ނިމި އަންނަ އޮކްޓޯބަރ މަހުގެތެރޭގައި ޚިދުމަތް ދެވެން ފެށޭނެކަމަށެވެ. އަދި މި މަސްފެކްޓަރީގެ ދެވަނަ ފިޔަވަހީގެ ދަށުން ފެކްޓަރީގައި ގަނޑުކުރި ކަޅުބިލަމަސް ވެލިއު އެޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަދްލީ ވިދާޅުވިއެވެ.އައްޑު ސިޓީ ހުޅުމީދޫގައި ޤާއިމުކުރާ މަސްފެކްޓްރީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މި މަސްފެކްޓަރީގެ ސަބަބުން  ވަޒީފާގެ ގިނަ ފުރުސަތުތައް އުފެދިގެންދާނެ ކަމަށެވެ. އައްޑު ސިޓީ ހުޅުމީދޫގައި ޤާއިމުކުރާ މަސްފެކްޓްރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ މެދު ބަނދުގައެވެ.