ވިޔަފާރި

އޮސްޓްރޭލިއާގައި ބާއްވާ ނެޓްވޯކިންގ އެންމެ ބޮޑު ހަރަކާތަށް ރާއްޖެ


އޮސްޓްރޭލިއާގެ ޓްރެވްމީޑިއާއިން އިންތިޒާމްކުރާ އިންޓަރނޭޝަނަލް މީޑިއާ މާކެޓްޕްލޭސް (އައިއެމްއެމް) ގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ. މިހަރަކާތުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފަރާތުން އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ޕީއާރު އެޖެންސީންނެވެ.

އައިއެމްއެމްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ނެޓްވޯކިން ހަރަކާތެކެވެ. މި ހަރަކާތުގެ މަޤްސަދަކީ ފަތުރުވެރިކަމާބެހޭ ޚިދުމަތްދޭ ފަރާތްތަކާއި، މިދާއިރާގެ ހަބަރާއި މައުލޫމާތު ފަތުރާ ޖާނަލިސްޓުންނާއި، އިންފްލުއެންސަރުން އަދި ބްރޯޑްކާސްޓަރުން އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ދިނުމެވެ. މިއީ އައި.އެމް.އެމް ބާއްވާ 10 ވަނަ އަހަރެވެ. މިއަހަރުގެ އިވެންޓުގައި 5665 އެގްޒިބިޓަރުންނާއި 10،500 މީޑިއާއިން ބައިވެރިވާނެކަމަށްވަނީ ލަފާކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ އޮސްޓްރޭލިއާ މާކެޓްގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމެވެ. އެގޮތުން ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުވާ މަންޒިލެއްގެ ގޮތުގައި މިހަރަކާތުގެ ތެރެއިން ވަނީ އިޝްތިހާރު ކޮށްފައެވެ.

އެމްއެމްޕީއާރުސީން މި ހަރަކާތުގައި ބައިވެރިވެފައިވަނީ އޮސްޓްރޭލިއާގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގެންގުޅޭ ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓިޖީގެ މަޤްސަދަކީ ރާއްޖެއަކީ މިމާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްކަމުގައި ދަމަހައްޓާ، މިމަންޒިލުން ރާއްޖެ އައުމަށް މީހުން ބުކިން ހަދާ މިންވަރާއި، ޒިޔާރަތްކުރާ އަދަދު އިތުރުކުރުމެވެ.

ޕެންޑަމިކްގެ ކުރިން އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކުރި ޤައުމެކެވެ. އެގޮތުން 2019 ވަނަ އަހަރު އޮސްޓްރޭލިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރި 10 މާކެޓްގެ ތެރެއިން 1 މާކެޓެވެ. އެ އަހަރު އޮސްޓްރޭލިއާއިން ރާއްޖެއަށް 39،928 ފަތުރުވެރިން އައިސްފަވެއެވެ.

ޕެންޑަމިކާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އޮސްޓްރޭލިއާގެ ބޯޑަރު އޮތީ ބަންދުކޮށްފައެވެ. ނަމަވެސް ހާލަތަށް ބަލާ މިއަހަރު ޖެނުއަރީ މަހު އޮސްޓްރޭލިއާގެ ބޯޑަރު ވަނީ ހުޅުވާލާފައެވެ. މިއާއެކު މިއަހަރުގެ ކުރިއަށް އޮތްތަނުގައި މިމާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.