ޚަބަރު

ސްޓޫޑެންޓް ލޯނަށް 800އެއްހާ ދަރިވަރުން އެދިއްޖެ


މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑަންޓް ލޯން ސްކީމަށް އެދި 800އެއްހާ ފޯމް ހުށައަޅައިފިއެވެ.

ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ސަރުކާރުން ވަނީ ލޯނުގެ 720 ފުރުޞަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ޚާއްޞަ 417 ފުރުޞަތަކާއި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްފައިވާ 303 ފުރުޞަތެވެ. މިއަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައިވަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ %3އިން %1އަށް ކުޑަކުރުމަށްފަހުއެވެ.

މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައި ނުވިނަމަވެސް މިއަހަރުގެ ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތަށް ފުރުޞަތު ފަހިކޮށްފައިވަނީ ވަރަށް ގިނަ ދަރިވަރުން މާސްޓާސް ޑިގްރީއަށް ކިޔަވަމުންދާތީއާއި، ކޯވިޑްގެ ސަބަބުން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމަށް ދަތިވެފައިވުމުގެ ސަބަބުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރު ލޯން ސްކީމަށް ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށްވެސް އެ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން ލޯން ބޭނުންވާނަމަ އެ ފުރުޞަތު ލިބޭގޮތަށެވެ.

ރާއްޖޭގައި އެމްބީބީއެސްއަށް ކިޔަވާ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށްވެސް ލޯން ސްކީމަށް 40 ސްލޮޓް މިފަހަރު ވަނީ ރިޒާވް ކޮށްފައެވެ. މީގެ އިތުރުން މިފަހަރުގެ މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.