ޚަބަރު

ދެކުނުގެ އަތޮޅުތަކަށް ކުރާ ވިއްސާރައިގެ ސަބަބުން ޔެލޯ އެލާރޓް


ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތުން ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓެއް ނެރެފިއެވެ. އެއިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:30 ފެށިގެން 12:30 ހަމައަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ އިރުއުތުރާއި އިރުން މެދެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 3  މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.  މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ. މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ. ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް އިލްތިމާސް ކުރައްވާފައިވެއެވެ.އެގޮތުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެދާނެކަމަށް ބަލައި، ފެންބޮޑުވެ ތަކެއްޗަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭތަކެތި އަދި އިލެކްޓްރޯނިކްސް ފަދަ ތަކެތި ރާއްކާތެރި ތަނެއްގައި ބެހެއްޓުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި ރަށު ތެރޭ ފެންބޮޑުވެ، ގެދޮރަށް ފެން ވަނުމުގެ ކުރިން ގެއަށް ފެން ނުވަންނާނެ ފަދަ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށާއި، ގުގުރުމާއިއެކު ވިއްސާރަ ކުރާނަމަ، ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތުބުމަށްވެސް އެ ސެންޓަރުން އިލްތިމާސް ކުރައްވައެވެ.