ރިޕޯޓް

ސޯޝަލްމީޑިއާގެ ތެރެއިން ޅެންވެރިކަމުގެ ގުުލްޒާރަށް އާރޯކަމެއް..!!


ޅެމަކީ އިންސާނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވައި ޙިއްޞުތަކާ ކުޅެލާ އަދަބީ އުފެއްދުމެކެވެ. ޅެމަށް ދުނިޔޭގެ އަދަބިއްޔާތުގައިވެސް މަތީ ދަރަޖައެއް ވަނީ ދެވިފައެވެ.ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަކީ،  ރާއްޖޭގައި ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން އަންނަ ދުވަހެވެ. މި އަހަރުގެ މިދުވަސް ޚާއްޞަކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިންގެ ތެރޭގައި ކުރި އަރަމުން އަންނަ ޅެންވެރިންނަށެވެ. ރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މަތިވެރި މަޤުޞަދަކީ ދިވެހި އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ރީތި އެއް ފަންނު ކަމުގައިވާ ޅެންވެރިކަން ތަރައްޤީ ކުރުމަށް ހިތްވަރު ދިނުމެވެ. ޅެންވެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއެގެވެސް ޖެނުވަރީ މަހުގެ 15 ވަނަ ދުވަސް ކަނޑައަޅައިފައިވަނީ އެ ދުވަހަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚުގެ މަޝްހޫރު ޅެންވެރިއެއްކަމުގައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސްކަމަށް ވުމާއެކު، އެމަނިކުފާނުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ. ހަމައެއާއެކު ޅެންވެރީންގެ އަދަބީ ޚިދުމަތްތައް ފާހަގަ ކުރުމާއި، ޅެން ހަދާފަރާތްތަކަށް ހިތްވަރުދެއްވުމަކީވެސް ޅެންވެރިންގެ ދުވަސް ފާހަގަކުރާ އެއް ބޭނުމެވެ.އިހު ދިވެހިންގެ އާދަކާދައާއި ޅެންވެރިކަމާއިވަނީ ވަރަށްބޮޑަށް ގުޅިލާމެހިފައެވެ. ހަމައެހެންމެ މިއަދު ދެކެމުންމިދާ ތަރައްޤީވެފައިވާ ޒަމާނުގައިވެސް ޅެންވެރިކަން މިވަނީ ދިވެހިންގެ ދިރިއުޅުމާއި ގުޅިފައެވެ.  އިހުގެ ދިވެހިން ޅެންބަހުރުވައި  ވާހަކަ ދައްކައި އުޅުނު އިރު މިއަދުގެ ޒުވާނުން  ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެމީހުންގެ ހިތުގެ ޝުޢޫރުތައް ޅެން ތަކުން  އާއްމުކުރަމުން ގެންދެއެވެ. އަދި މި ޅެންވެރިންނާއި އެމީހުންގެ ޅެންތަކަށް ލިބެމުންދާ ތަރުހީބު ބޮޑުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.ރާއްޖޭގައި ހިނގާ ތާފާތު ހަދިސާތަކާއި ގުޅުވާލައިގެން މިފަދަ ޅެންވެރިން އެމީހުންގެ  އިހްސާސްތައް ފާޅުކުރަމުން ގެންދެއެވެ. ހަމަ އެހެންމެ ތަފާތު އާކަމެއް ނުވަތަ އާ ބަހެއް ދިވެހި މުޖުތަމަޢުގައި ދައުރުވާން ފެށުމުންވެސް މިކަންކަންވެސް މިފަދަ ޅެންވެރިން އެމީހުންގެ ޅެންތަކުން ދިވެންހިގެ ސަމާލުކަމަށް ގެނެސް ބުނެދެމުން ގެންދެއެވެ. މިއަދުގެ ޖީލުން އެމީޙުންގެ ޅެންތައް އާމުންނާއި  ހަމައަށް ޝޯޝަލް މީޑިއާ ބޭނުންކޮށްގެން ގެނެސްދެމުން ދާއިރު  މިއަހަރުގެ ޅެންވެރިންގެ ދުވަހުގެމައިގަނޑު އެއް ޙަރަކާތުގެ ގޮތުގައި ބާއްވާ ޅެންވެރިންގެ ބަހާރަކީ މިފަދަ ފަރާތްތަކަށް ޚާއްސަކުރެވިގެން ބާއްވާ ހަރަކާތެކެވެ.ދިވެހިބަހުގެ އެކަޑަމީގެ ނައިބުރައީސް ރާފިއާ އަބްދުލްގާދިރު ވިދާޅުވީ، ފަސްދޮޅަހަކަށް މެންބަރުން ހިމެނޭ ގޮތަށް އުފެދިފައިވާ ޅެންވެރިންގެ ވައިބަރ ގްރޫޕެއް މިހާރު އޮންނަކަމަށާއި، މިގްރޫޕްގައި ކޮންމެ ދުވަހަކުވެސް އެތަށް ޅެންތަކެއް ހެދިގެންދާކަމަށެވެ. އެގޮތުން ސަލްޓަންޕާކުގައި ހުންނަ ހުޅުދާން ބަގީޗާގައި މިރޭ ބާއްވާ "ޅެންވެރިންގެ ބަހާރުގައި" އެފަރާތްތަކުން ޅެމުން އުފާކޮށްލާ، ކުރީގެ ޅެން އަޑު އަހާލުން ފަދަކަންކަން ކުރިއަށް ގެންދަވާނެކަމަށް ރާފިއާ ވިދާޅުވިއެވެ.ޅެންވެރިންގެ ދުވަސް މި އަހަރު ރަސްމީކޮށް ފާހަގަކުރައްވަނީ ތިލަދުންމަތީ އުތުރުބުރިއަށް ޚާއްސަކުރައްވައިގެންކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. އެގޮތުން ހޯރަފުށީ އާދަން ސަލީމް ހައްދަވާފައިވާ ޅެންތަކަށް ޚާއްސަކުރައްވައިގެން، ގުލިސްތާނުގެ ނަމުގައި ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ހޯރަފުށީގައެވެ. އަދި ޅެން ހުށައެޅުމުގެ ދުވަހެއްގެ ގޮތުގައި ހަމަ އެއަތޮޅު އިހަވަންދޫގައި މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ގުންޒަރުވެސް ފާހަގަކޮށްލެވެއެވެ. "ޅެންވެރިކަމުގެ އަލި މުޅި ރާއްޖެއަށް" މި ޝިޔާރުގެ ދަށުން ޅެންހަދަން ދަސްކޮށްދެއްވުމަށް ހިންގަވާ ސިލްސިލާ ޕްރޮގްރާމާއި ހއ. އަތޮޅުގައި ބޭއްވުމާއި، ހއ. އަތޮޅަށް ޚާއްސަ ޅެން ފޮތްތަށް ނެރުން މިހަރަކާތްތަކުގެ ތެރޭގައި ހިމެނޭކަމަށް ދިވެހިބަހގެ އެކަޑަމީން ވިދާޅުވެއެވެ. މިއަދު މި ފާހަގަކުރަނީ 27 ވަނަ ޅެންވެރިންގެ ދުވަހެވެ. ޅެންވެރިކަން ކުރިއެރުވުމަށް ޅެންވެރިން ކުރައްވާ އަގުހުރި ބުރަ މަސައްކަތްތަކަށް ހިތްވަރުދެއްވައި، ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި ހެދިފައިވާ ގަސްތަކަށް އާރޯކަމާއި ތާޒާކަން ގެނުވައިދީ، ދިވެހި ޅެންވެރިކަމުގައި ކުރިލަމުން ހެދެމުން އަންނަ ގަސްތަކަށް އާރޯ ކަމާއި ތާޒާކަން ގެނެސްދެއްވުމަކީ ކޮންމެ ދިވެއްސަކުވެސް، އިސްކަންދޭންޖެހިފައިވާކަމެއްކަން ޔަގީނެވެ.