ޚަބަރު

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިޔަން ރުފިޔާ


  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވުމެއް

  • ގްރީން ޓެކްސް ނަގަނީ ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށް

މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 1.5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދާއި އަޅާބަލާއިރު %0.7 އިތުރު އަދަދެކެވެ.

ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރ މަހުން ފެށިގެންނެވެ. މި ޓެކްސް ނެގުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމެވެ.

މި ޓެކުހަކީ، ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މިވަގުތައް ބަލާއިރު ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓެލް، 927 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ، ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ، ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނެއެވެ.