ސިޔާސީ

ފިންގަރޕްރިންޓްގެ މައްސަލާގައި ޢަމަލުކުރާނީ ކޯޓުގެ ނިންމުމަށް


ސިޔާސީ ޕާޓީގެ މެމްބަރުންގެ ތެރެއިން ފިންގަރ ޕްރިންޓް ހުށައަޅާފައި ނެތް މެމްބަރުންގެ ނަންތައް ޕާޓީތަކުން އުނިކުރައްވަން އިލެކްޝަން ކޮމިޝަނުން ނިންމެވި ނިންމެވުމަށް ދެން ބަދަލެއް ގެންނަވާނީ ކޯޓުން އަންގަވާ ގޮތެއްގެ މަތިންކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވާ ޙަރަކާތްތަކާ ގުޅޭގޮތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ މެންބަރު އަޙުމަދު އަކްރަމް ވިދާޅުވީ، ކޮމިޝަނުން ކޮންމެ ކަމެއްވެސް ނިންމަވަނީ، ލަފާހޯއްދަވަން ޖެހޭ ހުރިހާ ފަރާތެއްގެ ލަފަޔާއެކު ގާނޫނާ އެއްގޮތަށް ކަމަށާއި، ކޮމިޝަނުގެ ނިންމެވުމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ މެމްބަރޝިޕް ފޯމާއެކު އިނގިލީގެ ނިޝާންވެސް ހުށައަޅަންޖެހޭ ކަމަށް ނިންމެވި ފަހުންކަމަށެވެ.  އެހެންކަމުން ދެން  އެކަމާ ގުޅިގެން ވަކި ގޮތެއް ނިންމަވާނީ ކޯޓުން އަންގަވާގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ޤާނޫނޫ އަސާސީއާ ޚިލާފް ނިންމުމެއްކަމަށް ބުނެ އެ ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އެމްޑީޕީއާއި ޑީއާރްޕީންނެވެ.އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ފިންގަރޕްރިންޓްތަކާއެކު ހުށައެޅި ފޯމްތައް މިހާރު ޕްރޮސެސް ކުރައްވަމުން ގެންދަވާކަމަށާއި، އަންނަ ފެބްރުއަރީ މަހުގެތެރޭގައި ފޯމްތައް ނިމި ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަށަވަރުކުރެވިގެންދާނެކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން މާލީ ރިޕޯޓާއި، އަހަރީ ބަޔާންތައް ހުށައެޅުއްވުމުން އެއަށް ރިޢާޔަތްކުރައްވައި ޕާޓީތަކަށް ފައިސާ ދޫކުރެއްވުމުގެ ކަންކަން ޤާނޫނުގައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމަށެވެ.އެކޮމިޝަނުން އަންނަ މަހުގެ ސާދައިން ވިއްސައް ފާހަގަކުރައްވާ ޑިމޮކްރެސީ ހަފްތާއާއި ގުޅޭގޮތުން ކޮމިޝަނުންގެ ނާއިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ، ހއ. ހޯރަފުށްޓާއި މާލޭގައިވެސް ޑިމޮކްރަސީ އާއި، އިންތިޚާބުތަކަށް ހޭލުންތެރިކ ކުރެއްވުމުގެ މަސައްކަތް އެކޮމިޝަނުން ކުރައްވާނެކަމަށެވެ. އަދި އެޙަރަކާތްތަކުގައި ދައުލަތުގެ މުއައްސަސާތަކުން ޑިމޮކްރަސީއަށް ޢާންމުން ހޭލުންތެރިކުރުވުމަށް ކުރައްވަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވާނެކަމަށެވެ.