ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ އަތޮޅުގެ 3 ރަށަކަށް ވަޑައިގެންފިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި މިއަދު ޒިޔާރަތްކުރައްވާފައި ވަނީ ނ. މަނަދޫ، ނ. ހޮޅުދޫ އަދި ނ. ވެލިދޫއަށެވެ. މި ތިން ރަށަށް ވަޒީރު ވަޑައިގަތުމުން، ކޮންމެ ރަށަކުންވެސް ވަޒީރަށާއި ވަފުދުގެ ބޭފުޅުންނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގެންނެވި މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގެ ޙާލަތު ވަނީ ވަރަށް ފުރިހަމައަށް ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި އެކި ދާއިރާތަކުގެ މުވައްޒަފުންނާ ވަކިވަކިން ބައްދަލުކުރައްވައި، ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ވަޒީރު އޮޅުންފިލުއްވިއެވެ.
މި ބައްދަލުވުމުގައި، އަތޮޅު ހޮސްޕިޓަލުގެ ފެންވަރު އިތުރަށް މަތިކޮށް، ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ތަރައްޤީކުރުމަށްޓަކައި ކުރެވެންހުރި މުހިންމު ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިގު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންދަވާފައެވެ.
މަނަދޫގައި ޤާއިމުކޮށްފައިވާ ޢާއިލާއާއި ކުޑަކުދިންނާ ބެހޭ މަރުކަޒަށްވެސް ވަޒީރު ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ މަރުކަޒުގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އިތުރުން، އެ ތަނުގައި ތިބި ކުދިންނާ ވަޒީރު ބައްދަލުކުރައްވައި، ކުދިންގެ ޙާލުއަޙުވާލު ވަރަށް ގާތުން ބެއްލެވިއެވެ. އަދި އެ މަރުކަޒުން ފޯރުކޮށްދެމުންދާ އިޖުތިމާޢީ އެހީތެރިކަމާއި ޙިމާޔަތުގެ ޚިދުމަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ވަޒީރު ވަޑައިގެންނެވީ ނ. ހޮޅުދުއަށެވެ. ހޮޅުދޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ ޙާލަތު ބައްލަވާލެއްވުމުގެ އިތުރުން، މަރުކަޒުގެ ވެރިންނާއި މުވައްޒަފުންނާ އެކު މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވަވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ހޮޅުދޫގެ ރައްޔިތުންނަށް ދެމުންދާ ޞިއްޙީ ފަރުވާގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ދެފަރާތް ގުޅިގެން އަވަސް މުއްދަތެއްގައި އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ.
ވަޒީރުގެ މި ރަސްމީ ދަތުރުފުޅުގައި މިއަދު ނ. ވެލިދުއަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. ވެލިދުއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ޞިއްޙީ މަރުކަޒަށް ވަޑައިގެން، މަރުކަޒުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ޢާންމު ރައްޔިތުންނަށް ޚިދުމަތް ދެމުންދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅަކީ ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުނު ވަރަށް މުހިންމު އަދި ބޭނުންތެރި ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.