ޚަބަރު

2030 ގެ ނިޔަލަށް އާސެނަލްގައި މަޑުކުރަން އާޓެޓާ އެއްބަސްވުން އާކޮށްފި


  • އާޓެޓާ ވަނީ ކްލަބް ބޯޑްގެ އިތުބާރު ހޯދާފަ

2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާސެނަލްގައި މަޑުކުރަން ކޯޗު މިކޭލް އާޓެޓާ އެއްބަސްވުން އާކޮށްފި އެވެ.

22 އަހަރަށްފަހު އާސެނަލް އަށް އިނގިރޭސި ޕްރިމިއަރ ލީގު ހޯދައިދިން ކޯޗު އާޓެޓާ އާ އެއްބަސްވުމެއްގައި ކްލަބާއެކު ސޮއިކުރިކަން އާސެނަލް އިން އިއުލާނުކުރީ މިއަދު އެވެ. އާސެނަލް އުނދަގޫ ހާލަތެއްގައި ވަނިކޮށް އާޓެޓާ އެކްލަބްގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. 2024 ވަނަ އަހަރު ސޮއިކުރި އާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީވެސް އަންނަ އަހަރުއެވެ.

އާސެނަލްއާ ހަވާލުވެ ކްލަބްގެ ވެރިންގެ އިތުބާރު ހޯދާ ދިގު މުއްދަތަކަށް ކްލަބްގައި އާޓެޓާ ވަނީ މަގާމް ޔަގީންކޮށްފައެވެ. އާސެނަލްއާ ހަވާލުވެ އާޓޭޓާ އަންނަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއްކޮށް, ކާމިޔާބީތައް ހޯދަމުންނެވެ. ނަތީޖާއެއްގެ ގޮތުން އަލުން ޔޫރަޕްގެ ގަދަ ބާރަކަށް އާސެނަލް ވަނީ ވެފައެވެ. ޕްރިމިއަރ ލީގު ހޯދުމުގެ އިތުރުން މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގު ފައިނަލަށްވެސް ދަތުރުކުރިއެވެ. ފައިނަލުގައި ނާކާމިޔާބުވީ ޕެނަލްޓީ ޖަހައިގެންނެވެ.

އާ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އާޓެޓާ ބުނީ ކްލަބާއެކު ދެމިހުރުމުގެ ޔަގީންކަމަކީ އުފަލެއް ކަމަށެވެ. އާސެނަލްގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި,އ އެޓީމާއެކު މަސައްކަތްކުރަން ދެމިހުރެވުމަކީ އުފަލެއްގެ ކަމަށް އާޓޭޓާ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އާޓެޓާ ކުޅުމުގެ ކެރިއަރު 2016 ވަނަ އަހަރު ނިންމާލީ އާސެނަލް އަށް 5 އަހަރު ކުޅެފައެވެ. އޭގެފަހުން ތިން އަހަރު މަސައްކަތްކުރީ މެންޗެސްޓަރ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗަކަށެވެ. ސިޓީގެ މަގާމް ދޫކޮށް, އާސެނަލްއާ ހަވާލުވީ އުނެއި އެމެރީގެ ބަދަލުގައެވެ. އޭރު އާސެނަލް އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ. އާސެނަލްއާ ހަވާލުވެ ފުރަތަމަ ސީޒަންގައި ލީގުގެ ފަސްވަނައަށް ޓީމް ގެންދިޔައެވެ. އޭގެފަހުން ވިދިވިދިގެން ތިން އަހަރު ދެވަނަ ހޯދިއެވެ. ހަތަރު ވަނަ އަހަރު ލީގު ޗެމްޕިއަންކަން އާސެނަލް އަށް ހޯދައިދިނެވެ.

އާސދެނަލްގެ ސީއީއޯ ރިޗާޑް ގާލިކް ބުނީ މިއީ އާސެނަލްގެ ފުޓްބޯޅަ ކްލަބްގެ ތާރީޚުގައި މުހިއްމު ވަގުތެއް ކަމަށެވެ. މޮޅުވުމުގެ ސިލްސިލާއެއް ދަމަހައްޓަން ކްލަބުން ބޭނުންވާކަމަށް އޭނާ ބުންޏެވެ. އާޓެޓާގެ ޕްލޭނަށް ޓީމް ބައްޓަން ކުރަން ކްލަބްގެ މެނޭޖްމަންޓުން ދަނީ އެއްބާރުލުން ދެމުންނެވެ. އެގޮތުން ޓީމް އަލުން ބިނާކުރުމަށް ޑިފެންސާއި މިޑްފީލްޑް ލައިނަށް ކުޅުންތެރިން ހޯދިއެވެ. އޭގެތެރޭގައި ޑެކްލަން ރައިސް އާއި އޮޑެގާޑާއި, ބެން ވައިޓްގެ އިތުރުން ކީޕަރު ޑޭވިޑް ރާޔާ ހިމެނެއެވެ. އާސެނަލްގެ ފުލްޓައިމް ކޯޗަކަށް ބަލާއިރު މޮޅުވުމުގެ އެންމެ ރަނގަޅު އިންސައްތައެއް އޮތީވެސް އާޓެޓާ އަތުގައެވެ.
މިސީޒަންގައި މިވަގުތުވެސް އާސެނަލް އޮތީ ޕްރިމިއަރ ލީގު ތާވަލްގެ ދެވަނައިގައެވެ. ކުރިއަށް އޮތީ ހޮނިހިރު ދުވަހު ލީޑްސް ޔުނައިޓެޑާ ވާދަކުރާ މެޗެވެ.