ވިޔަފާރި

ޓޫރިޒަމް ގޯލްޑަން ޖުބްލީ މޮނިއުމަންޓާއެކު މިހާރު ފޮޓޯ ނެގޭނެ


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން "ޓޫރިޒަމް ގޯލްޑަން ޖުބްލީ" މޮނިއުމަންޓު ބަހައްޓައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެމްއޭސީއެލް ގުޅިގެން މިމޮނިއުމަންޓު ބަހައްޓާފައިވަނީ ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. މި މޮނިއުމަންޓް ބަހައްޓާފައިވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ ދެ އެވޯޑު ރަމްޒު ކޮށްދޭ މޮނިއުމެންޓާއި އިންވެގެނެވެ. މިއާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ފަތުރުވެރިންނަށް ވަނީ ހުޅުވާލެވިފައެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށްވާއިރު މިއަހަރު ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމުނާސަބަތާ ދިމާކޮށް ރާއްޖޭގައި އަލަށް ފެށި "ހޯމް ސްޓޭ" ޓޫރިޒަމް ކޮންސެޕްޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކޮންސެޕްޓެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްވެސް މިއަހަރު ބާއްވާނީ ރާއްޖޭގައެވެ. މި ސަމިޓް އޮންނާނީ މިމަހުގެ 14އިން 16އަށެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 729010 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު %56.1 އިތުރުވުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ މި އަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމުގައި އެ މިނިސްޓްރީން ބުނެއެވެ.