ޚަބަރު

ކެމްބޯޑިއާއިން ބޭނުންވަނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް އިމްޕޯޓުކުރަން


ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ކެމްބޯޑިއާއަށް އިންޕޯޓްކުރަން ބޭނުންވާކަމަށް އެޤައުމުގެ ޗެމްބަރ އޮފް ކޮމަރސްގެ ނައިބު ރައީސް ލިމް ހެންގް ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ހާމަކޮށްފައި ވަނީ ރާއްޖެއާއި ކެންބޯޑިއާއި ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައެވެ.

"ކެމްބޯޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަދައްކަވަމުން، ކެމްބޯޑިއާގެ ޗެމްބަރ އޮފް ކޮމަރސްގެ ނައިބު ރައީސް ލިމް ހެންގް ވިދާޅުވީ، ރާއްޖޭއާއި ކެމްބޯޑިއާއާއި މެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރެވޭނެ ގިނަ ދާއިރާތައް ހުރިކަމަށެވެ. އޭގެތެރެއިން އެއް ދާއިރާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަސްވެރިކަންކަމުގެ ދާއިރަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ލިން ހެންގް ވިދާޅުވީ، ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އެޤައުމަށް އިންޕޯޓްކުރުމުން، ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ވާނަކަމަށެވެ. އެގޮތުން، ރާއްޖޭގެ މަހުގެ ބާވަތްތައް އެޤައުމަށް އެކްސްޕޯޓްކުރުމުން އެޤައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެކަމަށެވެ. ލިން ހެންގް ވަނީ އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަހުގެ ބާވަތްތަތަކުގެ ޑިމާންޑް ވަރަށް ބޮޑުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ލިމް ހެންގް ވަނީ ރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހި ކުރެވޭނެ އެހެނިހެން ދާއިރާތަކަށްވެސް އަލިއަޅުވާލައިފައެވެ.

"އަޅުގަނޑަށް ފެންނަނީ ދެޤައުމަށްވެސް ވަރަށް ގިނަ ދާއިރާތަކުން އެއްބާރުލުން ދެވޭނެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި ދަނޑުވެރިކަން. ކެމްބޯޑިއާއަކީ ދަނޑުވެރިކަމަށް ބޭނުންވާ ވަރަށް ގިނަ ބިންތަކެއް ހުރި ޤައުމެއް. އެހެންކަމުން، ރާއްޖޭގެ އިންވެސްޓަރުންނަށް ދަނޑުވެރިކަން ކުރުމާއި، ދަންޑުވެރިން ހައްދާ ބާވަތްތައް ކެމްބޯޑިއާ މާކެޓަށް ނެރެ، ސަޕްލައި ކުރުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. " ކެމްބޯޑިއާގެ ޗެމްބަރ އޮފް ކޮމަރސްގެ ނައިބު ރައީސް ލިމް ހެންގް ވިދާޅުވިއެވެ.

ލިމް ހެންގް ވިދާޅުވީ ރާއްޖެއާއި އެއްފަދައިން ކެމްބޯޑިއާ އަކީވެސް އިޤްތިޞާދީގޮތުން ކުރިއަރަމުން އަންނަ ޤައުމެއްކަމަށެވެ. އެގޮތުން، އެޤައުމުގެ އިޤްތިޞާދު މިދިޔަ އަހަރު %5.5 އަށް ކުރިއަރާފައިވާކަމަށާއި، މިއަހަރު އެޤައުމުގެ އިޤްތިޞާދު %7 އަށް ކުރިއަރާނެކަމަށް ލިމް ހެންގް ވިދާޅުވިއެވެ. އަދި އިޤްތިޞާދީގޮތުން ދެޤައުމަށްވެސް ފައިދާކުރާނެގޮތަށް އެޤަމުން މަސައްކަތްކުރާނެކަމަށް ލިމް ހެންގް ވިދާޅުވިއެވެ.

ކްމެބޯޑިއާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްއާއިއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައިއެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ ބޯޑު މެމްބަރު މުޙައްމަދު އިކްރާމް އިބްރާހިމްއެވެ. ކެމްބޯޑިއާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ ރައީސް ނިޔެކް ކިތް މިޔެންއެވެ.

މި އެއްބަސްވުމުގެ ސަބަބުން، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާޢީ ވިޔަފާރިތަކާއި، އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ކެމްބޯޑއިއާއިން ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން އެޤައުމުގެ ބޮޑުވަޒީރާ މަޝްވަރާކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.