ޚަބަރު

އެމްއައިބީއަށް ފައިދާގެ ގޮތުގައި 121 މިލިއަން ރުފިޔާ


މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަދަދަކީ 2021ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 79 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 52 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއައިބީއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އަހަރު ނިމުނުއިރު ލިބުނު ފައިދާ އިތުރުވެފައިވަނީ ބޭންކަށް ލިބިފައިވާ އާމްދަނީ އިތުރުވެ، ޙަރަދުތައް ކުޑަކުރެވިފައިވުމުންނެވެ. އެގޮތުން މިދިޔަ އަހަރު އެމްއައިބީއަށް 338 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މި އަދަދަކީ 2021ވަނަ އަހަރު އާމްދަނީގެގޮތުގައި ލިބުނު 276 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 22 އިންސައްތަ އިތުރު އަދަދެެކެވެ.

މިދިޔަ އަހަރު ކުންފުނި ހިންގައިގެން އެމްއައިބީއަށް ވަނީ 170 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.

އެމްއައިބީއަށް މިދިޔަ އަަހަރުތެރޭ ލިބުނު ފައިދާ އިތުރުވީ ނަމަވެސް ހަތަރުވަނަ ކުއާޓަރުގައި ލިބުނު ފައިދާ ވަނީ ތިންވަނަ ކުއާޓަރާއި އަޅާ ބަލާއިރު ދަށްވެފައެވެ.

އެމްއައިބީއަށް ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އާމްދަނީގެގޮތުގައި ލިބުނު 84 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 8.5 އިންސައްތަ އިތުރު އަދަދެކެވެ.

ފައިދާގެ ގޮތުގައި ހަތަރުވަނަ ކުއާޓަރުގައި 21 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި އެމްއައިބީއަށް ވަނީ 36 މިލިއަން ރުފިޔާއެވެ.

ދިވެހިރާއްޖޭގައި ޝަރީއާގެ އުސޫލުން ހިންގާ ފުރަތަމަ ބޭންކް މޯލްޑިވްސް އިސްލާމިކް ބޭންކު ރަސްމީކޮށް ހުޅުވީ 7 މާރޗް 2011 ގައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކަކީ ދިވެހި ސަރުކާރާއި، އިސްލާމިކް ކޯރޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) ބައިވެރިވެގެން އުފެއްދި ބެންކެކެވެ. އެމްއައިބީ އުފެއްދުމަށް ދިވެހި ސަރުކާރުން %15 ހިއްސާ އަދި އައި.ސީ.ޑީގެ %85 ހިއްސާގެ އިންވެސްޓްމަންޓެއް ކުރިއެވެ. އެ ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ 2019ވަނަ އަހަރުއެވެ.

އެމްއައިބީއިން ހިއްސާގަތް މީހުންގެ ތެރެއިން 99 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ފަރާތްތަކެވެ. އެއީ ޖުމްލަ 16084 ހިއްސާދާރުންނެވެ. އަދި ބަކީ ބައި ހިއްސާކުރަނީ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކެވެ. އެއީ ޖުމްލަ 60 ހިއްސާދާރުންނެވެ.