ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމަށް ނިންމައިފިއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިންޑިއާގެ ރެނާޓަސް ކުންފުންޏާއި ހަވާލުކުރުމަށް ނިންމާފައިވާއިރު މިދިޔަމަހުގެ ފަހުކޮޅު އެ ކުންފުންޏަށް ވަނީ "ނޮޓިފިކޭޝަން އޮފް އިންޓެންޝަން ޓު އެވޯޑް" ހަވާލުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މިމަސްތެރޭ އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތްތައް ފެށިގެން ދާނެކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނުގެ އިޤްތިޞާދާއި ޢާއްމު އިޖުތިމާޢީ އެތައް ކަމަކާއި ގުޅިފައިވާ މުހިއްމު އެއަރޕޯޓެކެވެ. އައްޑޫގެ ތަރައްޤީއަށް އަދި އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ފެންވަރު ރަނގަޅު އެއަރޕޯޓެއް ނެތުންކަމަށް ގިނަ ބަޔަކު ދެކެއެވެ. ދެކުނުގެ ތަރައްޤީގެ މައި ދޮރާށި އަޕްގްރޭޑްކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަށް ބީލަން ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ކުންފުނިތަކުގެ ތެރެއިން ބީލަން ކާމިޔާބުކުރި ފަރާތަށް މިހާރު އެކަން އަންގާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ޤާއިމުކުރުމާއި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަޙައްދުތައް ޒަމާނީ ވައްޓަފާޅިއަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ރާއްޖޭގެ ތަރައްޤީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެކެވެ. އަދި މިއެއަރޕޯޓާއެކު ދުނިޔެއާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭނެ މުހިއްމު މަޝްރޫޢަކަށް މި މަޝްރޫޢު ވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
އައްޑޫ ސިޓީއަކީ އިޤްތިޞާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫޢަކީ މުހިއްމު މަޝްރޫޢެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.