ޚަބަރު

މާލީކަންކަން ލާމަރުކަޒީކުރުމުގެ މަސައްކަތްދަނީ ކުރަމުން - ޖިހާދު


ލޯކަލް ކައުންސިލްތަކުގެ އެކައުންޓްތަކުގެ ތެރެއިން، މިހާރު އޮތް ސަރުކާރު އައިއިރު، ފްރީޒްކުރައްވާފައިވާކަމަށް ބުނާ އެކައުންޓްތަކުގައި ހުރި ރައްޔިތުންގެ ފައިސާގެ ބޮޑު ބައެއް ކައުންސިލްތަކުގެ އެކައުންޓްތަކަށް މިހާރު ޖަމާކޮށްދެއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރ ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި މިފަދަ އެކައުންޓްތަކުގައި ހުރި 165 މިލިޔަން ރުފިޔާ މި ސަރުކާރުގެ ފަރާތުން ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖަމާކޮށްނުދެވި ހުރި ހުރިހާ ފައިސާއެއް ވަރަށް އަވަހަށް ޖަމާކޮށްދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަންވެސް ހާމަކުރެއްވިއެވެ.

އަދި އަތޮޅު ފިހާރަތަކުން އަތޮޅުތަކަށް ލިބެނެޖެހޭ ފައިސާގެ ތެރެއިން 21 މިލިޔަން ރުފިޔާ، ވަރަށް ކައިރި މުސްތަގުބަލެއްގެ ތެރޭގައި ދޫކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓްރ ޢަބްދުﷲ ޖިހާދު ވިދާޅުވި. ފިނޭންސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބުތަކުގައި މާލީ ކަންކަން ލާމަރުކަޒީ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އެކައުންޓްތަކުގެ ފައިސާއާއި އަދި މާލީ ކަންކަން ލާމަރުކަޒީކުރެއްވުމުގެ މަސައްކަތާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ މި ތަފްޞީލްތައް ދެއްވީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފަސްއަހަރުފުރުން ފާހަގަކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ލާމަރުކަޒީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތަކުގެ އިދާރީކަންކަން މިހާރު ލާމަރުކަރުކަޒީ ކުރެވިފައިކަމަށާއި، މާލީ ކަންކަން ލާމަރުކަޒީ ކުރެއްވުމުގެ ގޮތުން މައިގަނޑު 3 ކަމެއް ސަރުކާރުން މިހާރު ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ކުރައްވާ އެއްކަމަކީ މިއަހަރަށް ލަފާކުރެއްވި ބަޖެޓުގައި ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ކަނޑައަޅުއްވާފައިވާ 1 ބިލިޔަން ރުފިޔާ ކައުންސިލްތަކުން ޚަރަދުކުރައްވަންޖެހޭ އުސޫލެއް ތައާރަފް ކުރައްވުމުގެ މަސައްކަތްކަން މިނިސްޓރަ ފާހަގަކުރެއްވިއެވެ. 



މިނިސްޓަރ ޖިހާދު ވިދާޅުވީ، ކައުންސިލްތަކުން ކުރިއަށްގެންދަވާ މަސައްކަތްތަކަށް ބަޖެޓުގައި ހިމެނޭ ފައިސާ ޚަރަދުކުރައްވާނެ ގޮތާއި، ހިސާބުތައް ހައްދަވާނެގޮތުގެ ތަމްރީނު ފިނޭންސް މިނިސްޓްރީން ކައުންސިލްތަކުގެ އޮފިޝަލުންނަށް ދެއްވާނެކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ފްރީޒްކޮށްފައި ހުރިކަމަށް ބުނެ ކުރީގެ ސަރުކާރަކުން އެހެން ކަންކަމަށް ހޭދަކުރައްވައިފައިވާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލްތަކަށް ނިސްބަތްވާ ހުރި ރައްޔިތުންގެ 165 މިލަޔަން ރުފިޔާގެ ބޮޑުބައެއް، މިހާރުގެ ސަރުކާރުން އެއެކައުންޓްތަކަށް ޖަމާކޮށްދެއްވާފައިވާކަމަށެވެ. އަދި އެ ހުރިހާ ފައިސާއެއް ކުރިއަށް އޮތްތާނގައި ޖަމާކޮށްދެއްވާނެ ކަމަށާއި، އެފައިސާ ލިބިގަތުމަށްޓަކައި ކޮންމެ ކައުންސިލެއްގައިވެސް ޓްރަސްޓް އެކައުންޓެއް ޤާއިމްކުރައްވަން މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަތޮޅު ފިހާރަތަކުން ލިބެންޖެހޭ ފައިސާގެ ތެރެއިން، ކުރީގެ ސަރުކާރުން ދޫނުކުރައްވާ ހުރި 2014 ވަނަ އަހަރާއި، 2013 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހައްވާ 21 މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާނެ ކަމަށާއި، ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ލަފާފުޅުގެ ދަށުން ވަރަށް ކައިރި މުސްތަޤުބަލެއްގައި އެފައިސާ އަތޮޅު ކައުންސިލްތަކަށް ދޫކުރައްވާނެކަމަށް މިނިސްޓަރ ޖިހާދު ހާމަކުރެއްވިއެވެ. ފިނޭންސް މނިސްޓަރ ވިދާޅުވީ މިއީ މަލީ ދާއިރާ ލާމަރުކަޒީ ކުރެއްވުމުގެ ފެށުން ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ކައުންސިލްތަކުގައި ވަކި ނަމެއްގައި މަޤާމުތަކެއް އުފައްދަވައި މުވައްޒަފުން ތިއްބަވާއިރު އެމުވަޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުންޖެހޭނެކަން ފާހަގަކުރެއްވިއެވެ.