ޚަބަރު

ކައުންސިލްތަކުން ސިޔާސީ ނުވެ ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭ


ލާމަރުކަޒީ ނިޒާމަކީ ސަރުކާރުން ރައްޔިތުންނަށް ދެއްވާ ޚިދުމަތުގެ މުހިންމު ފަށަލައެއް ކަމަށާއި، ސިޔާސީ ކަންކަން އެއްފަރާތް ކުރެއްވުމަށްފަހު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގައި ހުރިހާ ކައުންސިލްތަކުންވެސް މަސައްކަތްކުރެއްވުމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ގޮވާލައްވައިފިއެވެ.

ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގަން ފެއްޓެވިތާ 5 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ލާމަރުކަޒީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ، ދިވެހި ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ތަޢާރުފްކުރެވިފައިވަނީ، ސިޔާސީ ގޮތުން ބައިބައިވުން އުފެދިފައިވާ ވަރަށް ހަލަބޮލި މާޙައުލެއްގައި ކަމަށާއި، ވޭތުވެދިޔަ 3 ސަރުކާރަށްވެސް މި ނިޒާމުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރެއްވުމުން، އެކަންކަން އިޞްލާޙު ކުރެވިފައިވާކަމަށެވެ.

ލާމަރުކަޒީ ނިޒާމުގައި ހުރި މައްސަލަތަކާއެކުވެސް، އެ ނިޒާމު ރާއްޖެއިން އުވިގެން ގޮސްފައިނުވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ޢުމަރު ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެ ނިޒާމު ވަރަށް ރަނގަޅަށް ދަސްވެފައިވާތީ ލާމަރުކަޒީ ނިޒާމު އެކަށީގެންވާ ގޮތަށް ބައްޓަން ކުރެއްވުމުގެ ފުރުޞަތު މިއަދުގެ ސަރުކާރަށް މިހާރު ލިބިވަޑައިގެންފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން، ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަކުރައްވައި ރަނގަޅު ކުރެއްވުމުގެ ފުރިހަމަ ޢަޒުމު ކަނޑައަޅުއްވާފައިވާކަމަށެވެ. img:http://s3.psmnews.mv/images/660x400/14573315923944.jpg|އެލްޖީއޭގެ އަހަރީ ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ ހުރިހާ ކައުންސިލްތައް މިހާރު ވާނީ އެއް ވިއުގަޔަކުން ގުޅާލެވިފައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެން ދާނެކަމަށްވެސް ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިޖަލްސާގައި 2015 ވަނަ އަހަރު ކައުންސިލްތަކުގެ ރޭންކިންގ އިފްތިތާޙުކުރައްވާފައިވެއެވެ. 2015 ވަނަ އަހަރު ލޯކަލް ކައުންސިލްސް ޕާރފޯމިން އިންޑެކްސުން ކުރިހޯދި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް "ކަންގަތި އެވޯޑް" ގެ ނަމުގައި އައު އެވޯޑެއް ވަނީ ދެއްވާފައެވެ.

އެގޮތުން ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ރަށު ކައުންސިލެއް ހޮއްވަވައި އެވޯޑު ދެއްވާފައިވެއެވެ. އަދި ރަށު ކައުންސިލްތަކުން އެންމެ ރަނގަޅު 10 ކައުންސިލެއް ހޮއްވެވިއިރު، އޭގެތެރެއިން އެއްވަނަ ކައުންސިލަކަށް ހޮވުނީ ށ. ފޯކައިދޫ ކައުންސިލެވެ.. އަތޮޅު ކައުންސިލްތަކުން އެންމެ ރަނގަޅު 3 ކައުންސިލެއް ހޮއްވެވިއިރު، މިބައިގެ 1 ވަނަ ހޯއްދަވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީ، ނުވަތަ ށ، އަތޮޅު ކައުންސިލެވެ. ދެވަނަ ފުވައްމުލަކު އަތޮޅު ކައުންސިލް ހޯއްދެވިއިރު، 3 ވަނަ ހޯއްދެވީ ތ. އަތޮޅު ކައުންސިލެވެ.

ކައުންސިލްތަކުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އަތޮޅު ކައުންސިލްތަކުން 1 ވަނަ ހޯއްދަވައިގެން ކަންގަތި އެވޯޑް ޙާޞިލުކުރެއްވި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޢާރިފް ވިދާޅުވީ، އެ ކައުންސިލަށްވެސް އެހެން ކައުންސިލްތަކަށް ނެތް އައު ވަޞީލަތެއް ލިބިވަޑައިގެންފައިނުވާކަމަށެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭނާއި، 2016 އިން 2018 އަށް އެލް.ޖީ.އޭ އިން ކަނަޑައަޅުއްވާ "ސްޓްރޓެޖިކް އެކްޝަން ޕްލޭންވެސް" މިޖަލްސާގައި ވަނީ ނެރުއްވާފައެވެ.