ޚަބަރު

ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު ފެށޭ ހަފްތާގައި ޢާންމުކުރައްވަނީ


ސަރުކާރުގެ ސިޔާސަތުގެ ދަށުން ދޫކުރާ ގޮއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އާންމުކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށައެޅުމުގެ ސުންގަޑި މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަންވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

މާލޭގެ ގެދޮރުވެރިކަމަށް ބޭނުންވެފައިވާ ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބި އެ ލިސްޓު، މިމަހު އާންމުކުރައްވާނެކަން ސަރުކާރުން ކުރިން ހާމަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ، ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް ޢާންމުކުރައްވާނެކަމަށެވެ.


"ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓް ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން އަންނަ ހަފުތާގައި އާންމުކޮށް އިއުލާން ކުރުމަށް ވަނީ ނިންމާފަ. އަދި ފޯމު ހުށައެޅުމުގައި ޝަކުވާގެ މައްސަލަ ހުޅުވާލާނަމަ ކޮމެޓީއާއި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އިތުރު މައުލޫމާތު ދެއްވާނެ" މިއުވާން ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބިމާއި ފްލެޓް ދޭނެ ފަރާތްތަކަށް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލާ މިދިޔަ ފެބުރުއަރީ މަހުގައި ވަނީ ކޮމެޓީގެ މަސައްކަތް ފަށްޓަވާފައެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

މިހާރު ދިނުމަށް ނިންމާފައިވާ 5000 ގޯތީގެ އިތުރުން މާލެ ސަރަޙައްދުން އިތުރު ގޯތި ދިނުމަށް ނިންމަވާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ އިއުލާންކުރައްވާފައެވެ.