ޚަބަރު

ހުނަރު ދަސްކޮށްދިނުމާއެކު ފަންނުވެރި ޒުވާނުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް


  • ހުނަރުވެރި ޒުވާން ޖީލެއް ބިނާ ކުރުމާއި ހުނަރުތައް ތަރައްޤީކުރުމަކީ އަމާޒެއް

  • އައު ހުނަރުތައް ދަސްކުރުމަށް ޒުވާނުންނަށް ބާރުއަޅަންޖެހޭ

  • ޒުވާނުންގެ ހުނަރުތައް ދައްކާލުމަށް ޚާއްޞަ ސްކިލްސް ޝޯވއެއް

  • ވޮކޭޝަނަލް އެޑިޔުކޭޝަން ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުމަށް މަސައްކަތްތަކެއް

ދުނިޔޭގެ ޒުވާނުންގެ ހުނަރުގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަކީ ފަންނުވެރި ޒުވާނުން ބިނާކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ހުނަރުގެ ދުވަހެއްގެ ގޮތުގައި ޚާއްޞަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހުނަރުވެރި ޒުވާން ޖީލެއް ބިނާ ކުރުމާއި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި، ޤާބިލް ޒުވާނުން ވަޒީފާގެ ބާޒާރަށް ނިކުންނަ ނިސްބަތް އިތުރުކުރުމެވެ. އަދި މިފަދަ މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމެވެ.

ސިނާޢީ އެކި އެކި ދާއިރާތަކާއި ވަޒީފާގެ ބާޒާރަށް ފަންނުވެރި ޒުވާނުން އިތުރުކުރުމަށް 2019 ވަނަ އަހަރުން ފެށިގެން މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން ތަފާތު ގިނަ މަޝްރޫޢުތައް ކުރިޔަށް ގެންދާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރިއިން ވިދާޅުވެއެވެ.

އޭގެތެރެއިން 2019 އިން ފެށިގެން 2023 ގެ ނިޔަލަށް 4000 އަށްވުރެ ގިނަ ފަރާތްތަކުން ކޮމްޕިޓެންސީ ބޭސްޑް ޕްރޮގްރާމްތައް ނިންމާ ނޭޝަނަލް ސެޓްފިކެޓް ޙާސިލްކޮށްފައިވާކަމަށް ހަޔަރ އެޑިޔުކޭޝަނުން ވިދާޅުވެއެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ޓެކްނިކަލް ވޮކޭޝަނަލް ސްކިލްސްގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް އޮންޓްރޯޕްރޯނަރޝިޕް ފުރުޞަތުތައް ފުޅާކޮށް ދިނުމުގެ މަޤުސަދުގައި ވޯލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިހާރުވެސް ދަނީ "މޯލްޑިވްސް، އެންހޭންސިން، އެމްޕްލޮއިބިލިޓީ، ރެޒިލިއެންސް އޮފް ޔޫތު" (މީރީ) ޕްރޮޖެކްޓުގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން އެމް.އެން.އެސް.ޑީ.އޭ އާއި ޔޫތު މިނިސްޓްރީ ގުޅިގެންގެންދާ ނެޝަނަލް އެޕްރެންޓިޝްޝިޕް ޕްރޮގްރާމަކީވެސް ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.

މި ސަރުކާރުން ވަނީ މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ޤައުމީ ނިޒާމެއްއް އެކުލަވާލުމަށްޓަކައި ދިވެހިރާއްޖޭގެ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގައި، ރާއްޖޭގެ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ކަންކަން ބަލަހައްޓައި އެކަންކަން ތަންފީޛުކުރާ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ" (އެމް.އެން.އެސް.ޑީ.އޭ) ނަމުގައި އޮތޯރިޓީއެއް އުފައްދާފައެވެ.

މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން "ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓު މާސްޓަރ ޕްލޭން" 2021 ވަނަ އަހަރު އެކުލަވާލައި ރައިސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވާފައިވާއިރު، ރަސްމީ ނިޒާމެއްގެ ތެރެއިން ދެވޭ ސަނަދެއް ނެތި، އެއް ބާވަތެއްގެ މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް މަތީ ހަރުފަތަކަށް ވާޞިލުވުމުގެ ފުރުޞަތު ހޯދައިދިނުމަށް ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން ނިޒާމެއްވެސް ވަނީ ޤާއިމުކުރައްވާފައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ ޒުވާނުންގެ ހުނަރުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ނިންމާފައިވާ ކަމަށެއެވެ. އެގޮތުން ޒުވާނުންގެ ހުނަރުގެ ދުވަހާއި ގުޅިގެން ޚާއްސަ ޖަލްސާއެއް ބޭއްވެވުމާއި، އެމް.އެން.އެސް.ޑީ.އޭ އާއި ޔޫތު މިނިސްޓްރީއާއި ގުޅިގެން ޒުވާނުންގެ ހުނަރުތައް ދައްކާލުމަށް ޚާއްޞަ ސްކިލްސް ޝޯވ އެއް ވެސް ބޭއްވުމަށް ނިންމާފައިވާކަމަށެއެވެ.

ހަމައެހެންމެ އެޑިޔުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މަސައްކަތާއި ހުނަރުގެ ތަޢުލީމު ނުވަތަ ވޮކޭޝަނަލް އެޑިޔުކޭޝަން ދާއިރާއަށް ދަރިވަރުން އަހުލުވެރި ކުރުމަށް މަސައްކަތްތަކެއް ރޭވުމުގެ އިތުރުން ޓޫރިޒަމް މިނސްޓްރީއާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އިން ޒުވާނުން ކުރިޔަށް ދިޔުމަށްޓަކައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަސައްކަތްތަކެއްވެސް ކުރުމަށް ނިންމަވާފައިވާކަމަށް ހަޔަރ އެޑިޔުކޭޝަނުން މަޢުލޫމާތުދެއްވައެވެ.

ދުނިޔޭގެ ޒުވާނުންގެ ހުނަރުގެ ދުވަސް ޤައުމީ ފެންވަރެއްގައި ރާއްޖޭގައި ފާހަގަކުރަން ފެށުމުން އެކަމުގެ ހެޔޮބަދަލު ދިވެހި މުޖުތަމަޢުން ފެނިގެންދާނެ ކަމަށާއި، އަދި މިފަދަ ދުވަހެއް ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމަކީ ފަންނުވެރި ޒުވާނުން ބިނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމެއްކަމަށްވެސް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ ޒުވާނުންގެ ހުނަރުގެ ދުވަސް ނުވަތަ "ވޯލްޑް ޔޫތު ސްކިލްސް ޑޭ" ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 15 ދުވަހުއެވެ.