އިނގިރޭސި ޑިފެންޑަރ ޖޯން ސްޓޯންސްގެ ފަހަތުން, ޑިފެންޑަރ ޖެޑް ސްޕެންސް ވެސް އިޓަލީގެ އިންޓަރ މިލާނަށް ސޮއިކޮށްފިއެވެ. ވަރލްޑްކަޕްގައި ތިންވަނަ ހޯދި އިނގިރޭސި ޓީމްގެ ދެ ޑިފެންޑަރުންވެސް އިންޓަރ މިލާނަށް މިބަދަލުވީ މިޓްރާންސްފަރގައެވެ.
ޖެޑް ސްޕެންސް އިންޓަރ މިލާނާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ, ޖޯން ސްޓޯންސް އިންޓަރ މިލާނަށް ފުރަތަމަ ލަނޑު ޖަހައިދިން ދުވަހުއެވެ. ސްޓޯންސް ލަނޑު ޖެހީ ރަހުމަތްތެރި ކަމުގެ މެޗެއްގައި ރޭ ބެޓިސް ކޮޅަށެވެ. އެމެޗު އިންޓަރ މިލާން ކާމިޔާބުކުރީ 1-0 ނެވެ. ޓޮޓްނަމް ދޫކޮށް, އިންޓަރ މިލާނަށް ސޮއިކުރި ސްޕެންސް އަކީ ވަރލްޑް ކަޕްގައި އިންގްލެންޑް ކުޅުނު އަށް މެޗުގައިވެސް ކުޅުނު ކުޅުންތެރިއެކެވެ.
ވަރލްޑްކަޕްގައި ކުޅުނު އިނގިރޭސި ދެ ޑިފެންޑަރުންނާއެކު އިންޓަރ މިލާންގެ ފަހަތް އާ ސީޒަންގައި ވަރުގަދަ ވާނެއެވެ. 26 އަހަރުގެ ސްޕެންސް އިންޓަރ މިލާނަށް ބަދަލުވީ, ޓޮޓްނަމް އިން އޭނާ ބަހައްޓަން މަސައްކަތް ކުރަނިކޮށެވެ. އެގޮތުން ޓޮޓްނަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ ވަނީ ސްޕެންސް މަޑުކުރުވަން މަސައްކަތްކޮށްފައެވެ.
ސްޕެންސް އިންޓަރ މިލާނަށް ބަދަލުވީ 25.6 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޖޯން ސްޓޯންސް އިންޓަރ އަށް ބަދަލުވީ މެންޗެސްޓަރ ސިޓީއާއެކު އޮތް އެއްބަސްވުން ހަމަވުމުން ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. ސްޕެންސް ފާއިތުވި ސީޒަންގައި ޓޮޓްނަމް އަށް 44 މެޗު ކުޅެދިނެވެ. އޭނާ 2022 ވަނަ އަހަރު ޓޮޓްނަމްއާ ގުޅުނީ މިޑްލްސްބަރާ އިންނެވެ. އެމުއްދަތުގައި އެކްލަބަށް 85 މެޗު ކުޅެ, ޔޫރޮޕާ ލީގު ހޯދިއެވެ. ސްޕެންސް ވަނީ މީގެކުރިން ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ ޖެނޯއާ އަށް ހަ މަސް ދުވަހު ކުޅެފައެވެ.