ވިޔަފާރި

ފްރީޓްރޭޑް އެއްބަސްވުން: ޓެރިފެއްނެތި އެކްސްޕޯޓްކުރެވޭނެ


ޗައިނާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއިން އެކްސްޕޯޓުކުރާ ތަކެއްޗަށް އެއްވެސް ޓެރިފެއް ނެތި ޗައިނާގެ މާކެޓަށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކުންމިން ފެއަރގައި ބައިވެރިވާ ސްޕޮންސަރުންނަށް މަޢުލޫމާތުދެއްވުމަށް މިއަދު ހޮޓެލްޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރުމަށް ދެފަރާތުގެ ދެމެދުގައި ކުރެވެމުންދާ މަޝްވަރާތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި މި އެއްބަސްވުމުގައި މިއަހަރުގެ ޑިސެމްްބަރު ހާތާނގައި ސޮައިކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް އެއްލައްކަ ފަންސާސް ހާސް ޓަނުގެ މަސްބާނާއިރު، މީގެ ތެރެއިން ސަތޭކަ ތިރީސް ހާސް ޓަނުގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާކަމަށެވެ. އަދި ރާއްޖެ ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް އެރުމާއެކު ޔޫރަޕްގެ ޤައުމުތަކުގައި ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ދަތިތަކެއް ދިމާވެފައިވާކަން މިނިސްޓްރ ފާހަަގަކުރެއްވިއެވެ.

އެހެންކަމުން ރާއްޖެއިން ސޮއިކުރުމަށް ހަމަޖެހިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއެްޖޭގެ މަހާއި މަހުގެ އުފެއްދުންތަކާއި، ކަނޑުގޮވާމުގެ ގޮތުގައި ރާއްޖެއިން އެކްސްޕޯޓުކުރާ ތަކެއްޗަށް އެއްވެސް ޓެރިފެއް ނެތި ޗައިނާގެ މާރކެޓަށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު ކުންމިން ފެއަރގައި ރާއްޖެއަށް ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ވިޔަފާރިވެރިން ހިފުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބިގެންދާނެވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގައި ކުންމިން ފެއާރގައި ސްޕޮންސަރުންނަށް ވަނީ ޗައިނާގެ ކުންމިންގައި ރާއްޖެ އަށް ލިބިފައިވާ ފުރުސަތުތަކާއި ރާއްޖެއަށް ލބިފައިވާ ސްޓޯލްތަކުގައި މާރކެޓްކުރެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތުދެއްވާފައެވެ.

ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއަރގައި ބައިވެރިކުރަން ބޭނުންވާ ތަކެތި މި އަންނަ މަހުގެ ދިހައެއްގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އެފަރާތުން އެދިވަޑައިގަންނަވައެވެ.

ކުންމިން ފެއާއަކީ މިއަހަރުގެ ޖޫންމަހު ޗައިނާގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއަރއެކެވެ.