އަމީނީމަގުގެ ސެގްމެންޓް 8 އަދި 9 ގެ މައިގަނޑު މަސައްކަތް ނިންމާ، ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއިން ބުނެފިއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުގެ މަސައްކަތުގެ ދަށުން ސެގްމެންޓް 8 ގެ މަސައްކަތް ފެށީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ސެގްމެންޓް 8 އަދި 9 ގެ މައިގަނޑު މަސައްކަތް ނިންމާ، ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އާރްޑީސީން ބުނެފައިވާއިރު، މިވަގުތު މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ބިލަންބޮންގ ސުކޫލުން ފެށިގެން މިހާރުގެ ގަލޮޅު ޕޮލިހާ ހަމައަށެވެ.
މި ސެގްމަންޓުތަކުގައި ހިމެނެނީ އަމީނީ މަގުގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދެވެ. އެގޮތުން ބިލަބޮންގ އިންޓަރނޭޝަނަލް ހައިސްކޫލާއި، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހިމެނޭ މިސަރަޙައްދަކީ ސްކޫލް ގަޑިތަކާއި ދިމާކޮށް ޓްރެފިކް ބާރު ބޮޑުވާ ސަރަޙައްދުތަކެކެވެ.
އަމީނީ މަގުގެ 8 ވަނަ ސެގްމަންޓު ތެރޭގައި ހިމެނޭ ސްކޫލްތަކަށް ދަތިނުވާނެހެން މަސައްކަތްތައް ރާވާލައި މަސައްކަތް ކުރަމުން އަންނަކަމަށް އާރް.ޑީ.ސީން ބުނެއެވެ. އަދި ސްކޫލް ބަންދު ތެރޭގައި ސްކޫލްތައް ހިމެނޭ ސަރަޙައްދުގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ނިންމާ، އެ ސަރަޙައްދު ސްކޫލްތައް ހުޅުވެންވާއިރަށް އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ކުރިން ބުނެފައިވެއެވެ.
އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން 7 ވަނަ ސެގްމަންޓާއި ހަމައަށް ހުރިހާ މަސައްކަތެއް ނިންމާ، ޢާއްމުންނަށް ވަނީ ހުޅުވާލާފައެވެ.
އަމީނީ މަގަކީ މަސައްކަތްކުރުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާލުމުގެ ކުރިން މާލޭގައި އެންމެ ހިޔާދޭ އެންމެ ހިތްގައިމު ފެހި އެއްމަގެވެ. އެހެންކަމުން މަގުގެ މަސައްކަތް ނިމެމުންދާވަރަކަށް އަމީނީ މަގުގައި ޖެހުމަށް އެންމެ ރަނގަޅު ބޮޑެތި ގަސްތައް އެމަގުގައި އިންދުމުގެ މަސައްކަތްވެސް އާރްޑީސީއިން ދަނީ ކުރަމުއްނެވެ. އެގޮތުން ފުރަތަމަ 3 ސެގްމަންޓުގައި ޖަހާފައި ހުރި ގަސްތައް މިހާރު ރަނގަޅަށް ހެދެން ފަށާފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނު ކޮޅާއިހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.