ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް ފުވައްމުލަކު ސިޓީ ކައުންސިލުން "މައިކްރޯފައިނޭންސް ސްކީމް" ތަޢާރަފްކޮށް ލޯން ދިނުމަށް ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާޙް ކޮށްދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ، މި ލޯން ސްކީމްގެ މަޤްޞަދަކީ ފުވައްމުލަކު ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފުރުޞަތު ފަހިކޮށް ދިނުމާއި، އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށެއެވެ.
އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލު މިފައިސާގެ ލޯނު ޖުމްލަ 14 ދާއިރާއަކުން ދިނުމަށް ވަނީ ނިންމައިފައެވެ. އެ ދާއިރާތަކުގެ ތެރޭގައި އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކްއަޕް ކުރުން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް ހިމެނެއެވެ.
ހަމައެހެންމެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ކްރިއޭޓިވް އާޓްސް އަދި މިއުޒިކް، ކުޅިވަރު އަދި ފިޓްނަސް ދާއިރާ މަސްވެރިކަން، އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓެނަންސް، މެނުފެކްޗަރިން، ދަނޑުވެރިކަން، ވެލްޑިންގް އަދި ކާޕެންޓްރީގެ މަސައްކަތުގެ އިތުރުން ފަތުރުވެރިކަން އަދި އަމިއްލަ އުފެއްދުންތައް ހިމެނޭކަމަަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އަލަށް ފަށާ ވިޔަފާރިތަކަށާއި، ވިޔަފާރިފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި މިލޯނުގެ ދަށުން ގިނަވެގެން -/50،000 ރުފިޔާ ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ދެވިގެންދާނެކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލު ވިދާޅުވީ މިލޯނަށް އެދި ހުށައަޅަންޖެހޭ ފޯމާއި، ލޯނާއި ގުޅޭ އިތުރު މައުލޫމާތު އެ ކައުންސިލުގެ ވެބްސައިޓްއިން އަދި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. މައިކްރޯފައިނޭންސް ސްކީމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި 20 އޯގަސްޓް 2023 ގެ 12:00 ގެ ކުރިން ފޯމު ހުށަހެޅުމަށްފުވައްމުލަކު ސިޓީ ކައުންސިލުންވަނީ ފުރުޞަތު ހުޅުވާލާފައެވެ.