ރ.އިނގުރައިދޫ ހެލްތު ސެންޓަރަކީ އެރަށުގެ ރައްޔިތުންގެ އިތުރަށް ކައިރީ އޮންނަ ފައިނާއި ކިނޮޅަހާއި އިންނަމާދޫގެ ރައްޔިތުންވެސް ސިއްހީ ޚިދުމަތް ހޯދުމަށް ބަރޯސާވާ ޞިއްޚީ ޚިދުމަތެވެ. އެހެންނަމަވެސް މި ތިންރަށުގެ ރައްޔިތުންނަށް ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މަައްސަލައަކީ ޖާގައިގެ ދަތިކަމެވެ. އެހެންކަމުން އިނގުރައިދޫ ހެލްތު ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތް ފުޅާކޮށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށްޓަވާފައެވެ. 2 ފަންގިފިލާގެ އައު ހެލްތް ސެންޓަރު އެޅުމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވާފައެވެ. މިއިމާރާތް އެޅުމަށް 76.86 މިލިޔަން ރުފިޔާ ހޭދަކުރައްވައެވެ.
ރ.އިނގުރައިދޫގައި ސިއްޙީ ޚިދުމަތް 2004 ވަނަ އަހަރު ފޯރުކޮށްދޭން ފެށީއްސުރެ މިހާތަނަށްވެސް އެޚިދުމަތް ދެމުން އައިސްފައިވަނީ އޭރު ސަރުކާރުން އަޅުއްވައިދެއްވި ހެލްތު ސެންޓަރުގައެވެ. ނަމަވެސް ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވުމާގުޅިގެން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ދުވަސްތައް ކުރިމަތިވެއެވެ. 8 ގަޑިއިރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވިއިރުވެސް ޚިދުމަތް ދެމުން އައީ ޖާގައިގެ ގޮތުން ކުޑަ އެއިމާރާތުގައެވެ. އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު ވަނީ ހެލްތު ސެންޓަރު ހުރި ބިމުގައި 2 ފަންގިފިލާގެ މުޅިން އައު ހެލްތު ސެންޓަރެއް އެޅުމަށް ނިންމާ އެމަސައްކަތް ފަށާފައެވެ. އެގޮތުން އައު އިމާރާތް އެޅުމަށްޓަކައި ކުރިން ޚިދުމަތް ދެމުން އައި އިމާރާތް ހުސްކޮށް ބިން ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އިނގުރައިދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢަބްދުﷲ ހުސައިން ވިދާޅުވީ އިނގުރައިދޫ އައު ސިއްހީ މަރުކަޒުން ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެގޮތުން އައު އިމާރާތުގައި އެކްސްރޭ ނެގޭނެ ޚިދުމަތާއި ޑައިލަސިސްގެ ޚިދުމަތް ލިބޭނެ ގޮތްވުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައު އިމާރާތާއެކު ޚިދުމަތް ދިނުމަށް އިތުރު މުވައްޒަފުންވެސް ލިބޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް އޭނަ ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ސިއްޙީ މަރުކަޒަކީ މިރަށުގެ ރައްޔިތުންގެ އިތުރަށް ފައިނު، ކިނޮޅަހުގެ ރައްޔިތުންވެސް ޚިދުމަތް ހޯދަ ތަނެއް. އަލަށް އަޅާ ސިއްހީ މަރުކަޒު ވެގެންދާނީ މުޅި އިނގުރައިދޫ ދާއއިރާގެ ރައްޔިތުންގެ ހެލްތު ސެންޓަރަކަށް."އިނގުރައިދޫ ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢަބްދުﷲ ހުސައިން ވިދާޅުވިއެވެ.
އިނގުރައިދޫ އައު ހެލްތު ސެންޓަރާއެކު ރައްޔިތުން ތިބީ ލެބޯރެޓަރީން ލިބޭ ޚިދުމަތް ފުޅާވެ ކުރިން ނުލިބޭ ޚިދުމަތްތައް އިނގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ލިބިގެން ދިއުމުގެ އުއްމީދުގައެވެ. އަދި ހެލްތު ސެންޓަރުގެ އައު އިމާރާތާއި ޚިދުމަތް އިތުރުވުމުން ސިއްހީ ޚިދުމަތް ހޯދުމަށް ދުރަށް ކުރަންޖެހޭ ދަތުރުތަކަށް ހައްލެއް ލިބިގެންދާނެކަމުގެ އުއްމީދު ރައްޔިތުން ކުރެއެވެ.
" އެންމެ ފުރިހަމަ ޚިދުމަތް ނުލިބުނު ނަމަވެސް ސީޓީ ސްކޭންއާއި އެކި އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމްތައް ބޭނުންވޭ. ކުދި ކުދި ކަންތައްތަކަށް ރަށުގައި ތިބިގެން ފަރުވާ ލިބުން އަޅުގަނޑުމެންގެ އުއްމީދަކީ" ރައްޔިތަކު ބުންޏެވެ.
އިނގުރައިދޫ ހެލްތު ސެންޓަރުގެ އައު އިމާރާތް އެޅުމަށްޓަކައި އެ މަރުކަޒު ހުސްކޮށް މިހާރު ޚިދުމަތް ދެމުން އަންނަނީ މަހަކު 25000 ރުފިޔާ ދައްކާގޮތަށް ކުއްޔަށް ހިފާފައިވާ ތަނެއްގައެވެ. އެތަނުން ކުރީގެ އިމާރާތުން ލިބެމުންދިޔަ ހުރިހާ ޚިދުމަތްތަކެއްވެސް އަންނަނީ ލިބެމުންނެވެ. ކުއްޔަށް ހިފާފައިވާ އިމާރާތަކީ ކުރީގެ އިމާރާތަށްވުރެ ޖާގަ ބޮޑު ތަނެއްކަން ހެލްތު ސެންޓަރުން ފާހަގަކުރެއެވެ. މިހާރު 2 ޑޮކްޓަރުންނާއި އެކު ސިއްހީ ޚިދުމަތް ލިބެމުން އަންނައިރު ވަރަށް އަވަހަށް ކުޑަކުދިންގެ ޑޮކްޓަރުގެ ޚިދުމަތްވެސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އިނގުރައިދޫ ހެލްތު ސެންޓަރުގައި 2 ވޯޑާއި 3 ކޮންސަލްޓޭޝަން ރޫމާއި ޕަބްލިކް ހެލްތަށް ޚާއްސަ ޔުނިޓަކާއި ނަރުހުންގެ ޖަގަހައިގެ އިތުރަށް އޮފީސް ބައެއް ހުރެއެވެ. އަދި ލެބޯރެޓަރީން ތައިރޮއިޑް ސްކޭން ހިމެނޭހެން އެހެނިހެން މުހިއްމު ޓެސްޓްތައްވެސް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރެއްވުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އަދި އަތޮޅުތަކުގައި ހުރި ޞިއްޙީ މަރުކަޒުތަކަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެއްދެވުމުގެ މަސައްކަތްތައް ގެންދަވަނީ ކުރައްވަމުންނެވެ.