ރާއްޖޭގެ ގިނަ ރަށްތަކަށް ބަލާއިރު އިންޖީނުގެ ހުރިނަމަވެސް އިދާރީ ގޮތުން ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާނެ ރަނގަޅު ފެންވަރެއްގެ އޮފީސް އިމާރާތެއް ނުހުރެއެވެ. ގިނަ ތަންތަނުގައި ޚިދުމަތް ދެމުން އަންނަނީ ކުޑަ ޖާގައެއްގައެވެ.
މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނު ގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ ސަރުކާރުން ކުރައްވަ މަސައްކަތުގެ ދަށުން އިންޖީނުގެއާއެކު ފެނަކައިން ދަނީ ފެންވަރު ރަނގަޅު އޮފީސް އިމާރާތްތައްވެސް ތަރައްގީކުރަމުންނެވެ.
އެގޮތުން ފެނަކައިން މިއަދުވަނީ ށ.މިލަނދޫގައި އައު އޮފީސް އިމާރާތް ޤާއިމްކޮށް ހުޅުވާފައެވެ. މިއޮފީސް އިމާރާތް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މިލަންދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އިސްމާއިލް ހަސަން ވިދާޅުވި މީގެ ކުރިން ފެނަކައިން އިދާރީ ގޮތުން ރައްޔިތުންނަށް ދެމުން ގެންދިޔަ ޚިދުމަތްތައް ދެމުން ގެންދިޔައީ ވަރަށް ކުޑަ ޖާގައެއްގައި ކަމަށެވެ. އަދި ވަސީލަތްތަކުގެ ދަތިކަންވެސް އިންތިހާއަށް އޮތް ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތުގައި ހިމަނައިގެން ކުރިއަށް ގެންދާ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އައު އޮފީސް އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ގާއިމްކުރެވުނު އައު އޮފީސް އިމާރާތުގެ ސަބަބުން ރައްޔިތުންނަށް ދެމުން ގެންދިޔަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ ޚިދުމަތް އަވަސްވެގެންދާނެ ކަމަށް އިސްމާއިލް ހަސަން ވިދާޅުވިއެވެ.
އިސްމާއިލް ހަސަން ވިދާޅުވީ ވަސީލަތްތަކަށް ބެލިނަމަވެސް ކުރިއަށް ވުރެ ފެންވަރު ރަނގަޅު ވަސީލަތްތައް ލިބިފައިވާކަމަށެއެވެ. އެގޮތުން 3 ފަންގިފިލާގެ މިއިމާރާތުގައި މިހާރު އެއްފަހަރާއި 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭނެ ކަމަށް އިސްމާއިލް ހަސަން ވިދާޅުވިއެވެ.
" ކުރީގައި ހަގީގަތުގައި ބޭނުންވާ ވަރަށް ވަސީލަތްތަކެއް ނުހުރޭ. ޖާގަ ކުޑަވެފައި ޚިދުމަތް ދިނުމުގައި ވަރަށް ބޮޑު ދަތިތަކެށް ކުރިމަތިވޭ. އެހެންނަމަވެސް މިހާރު މި ވަނީ އައު އޮފީސް އިމާރާތެއް ލިބިގެން ގޮސްފައި. މިއާއެކު ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ" އިސްމާއިލް ހަސަން ވިދާޅުވިއެވެ.
ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހެދުމުގެ މަސައްކަތް އެކުންފުނިން އަންނަނީ ކުރަުންނެވެ.
ށ.މިލަންދޫއަކީ 2500 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.