ޚަބަރު

އަދުގެ ޒުވާނުން ޤައުމަށް ވަފާތެރި ބަޔަކަށް ވާންޖެހޭ


ޤައުމު ބިނާކޮށް ތަރައްޤީކުރުމުގައި އަދުގެ ޒުވާނުން ދޮންބަންޑާރައިން ފަދަ ވަރުގަދަ ޤައުމީ ބަތަލުންގެ ޝަޚްޞިއްޔަތުން އިބުރަތް ޙާޞިލުކޮށް، ޤައުމަށް ވަފާތެރިބަޔަކަށް ވުމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ހުރަވީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖަލްސާގެ ޝަރަފްވެރި މެހެމާން، ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވަނީ ހުރަވީ ދުވަހުގެ ބަތަލު، މުލީގޭ ދޮންހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިން ހޮޅިންގެ ކިބައިން ދިވެހި ގައުމުގެ މިނިވަންކުރައްވައި ސަލާމަތް ކުރެއްވުމަށް ގެންގުޅުއްވި މަތިވެރި ޖިހާދުގެ މައްޗަށް ބައްލަވައި، ގެންގުޅުއްވި މަތިވެރި ހިކުމަތު އަމަލީގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި، ދޮން ބަންޑާރައިންގެ އަދުލުވެރިކަމާއި، ބޭރުގެ ބޮޑެތި ޝަޚްޞިއްޔަތު ތަކާއި އެއްގޮތަށް ކުރެވި ވަރުގަދަ މަސައްކަތް ފާހަގަކުރައްވައި ދޮންބަންޑާރައިން ފަދައިން މިއަދުގެ ދަރިންގެ އަމަލުތަށް ބެހެއްޓުމަށްވަނީ ގޮވާލައްވާފައެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިޝާން އިއްޒުން ދީންގެ އިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ހުރަވީ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރައްވަމުން ގެންދަވަނީ މިފަދަ ދުވަސްތައް ނިސްބަތްވާ އަބުތާލުންގެ މަސައްކަތް ހަދާނުން ފިލައިގެން ދިޔައި ނުދިއުމަށްޓަކައި ކަން ފާހަގަކުރައްވައި، މިއަދު ގައުމު މިވަނީ އަޅުގަނޑުމެންނާއި ގައުމުގެ ކަންކަން އަމާންކަން ކަމާއެކު ގެންދިއުމުންގެ މަޤުޞަދުކަމަށް ވިދާޅުވިއެވެ. ޤައުމު އިސްލާޙް ކުރަން ބޭނުން ނަމަ ތިމާ ފުރަތަމަ އިސްލާޙްވުމަށް ގޮވާލެއްވިއެވެ.

އައްބާސްގެ ވާހަކަފުޅުގައި ފުވައްމުލަކަކީ ވަރަށް ޚާއްސަ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އާސާރީ ކަންކަމާއި، ދީނީ ކަންކަމަށް ފުވައްމުލަކުގެ ރައްޔިތުން ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ހުރަވީ ދުވަސް ފާހަގަކުރައްވަމުންގެންދަވަނީ، ހޮޅިންގެ އަތްދަށަށް ދިވެހިރާއްޖެ ދިއުމާއި، އެއަޅުވެތިކަމުން ރާއްޖެ މިނިވަން ކުރެއްވި ހަނދާން އާކުރެއްވުމުގެ ގޮތުންނެވެ. ގާތްގަނޑަކަށް 4 މަހެއްހާ ދުވަސްފަހުން މަތިވެރި ޖިހާދެއް ކުރައްވައި ދޮންބަންޑާރައިން އިސްކޮށް ހުންނަވައި ރާއްޖެ އަލުން މިނިވަން ކުރެއްވީ، 3 ޖުމާދުލްއާޚިރާ 1166 ވަނަ އަހަރުގައެވެ.