ޚަބަރު

އުނގޫފާރު ހޮސްޕިޓަލަށް ތާރީޚީ ދުވަހެއް، ހިތުގެ ބަލިތަކުގެ ފަރުވާފަށައިފި


  • މި ޚިދުމަތަކީ އުނގޫފާރު ހޮސްޕިޓަލުގައި ފުރަތަމަފަހަރަށް ފެށި ހިދުމަތެއް

  • މި ޚިދުމަތުގެ ސަބަބުން ރައްޔިތުއްނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ

  • މި ޚިދުމަތައް ބޮޑު ޑިމާންޑެއް އެބައޮތް

  • އިތުރު އައު ޚިދުމަތްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުން

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކުގެ ޚާއްސަ ފަރުވާ ދޭން ފަށްޓަވައިފިއެވެ.

ލާމަރުކަޒީ އުސޫލުން، ރައްޔިތުންނަށް ލުއިފަސޭހަ ޞިއްޙީ ޚިދުމަތެއް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތަކަކީ މާލެއިން ލިބޭ ޚިދުމަތްތައް އަތޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. ޞިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށް އެޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެންނެވުމެވެ. އެގޮތުން މާލެއިން އުތުރުގައި އެންމެ ގިނަ ޚިދުމަތްތަކެއް ދޭ އަދި މި ސަރުކާރުގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް ކުރިއަރަމުން އަންނަ އެއް ހޮސްޕިޓަލަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދާދިފަހުން އިތުރުކުރި އައު ޢިމާރާތާއެކު ޚިދުމަތްތައް ފުޅާކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ވަނީ ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފަށާފައެވެ. މިއީ މިފަދަ ސަބް ސްޕެޝަލިސްޓް ޚިދުމަތެއް އެހޮސްޕިޓަލުގައި ފެށި ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ފެށުމަށްޓަކާ ކާޑިއޮލޮޖިސްޓް އެހޮސްޕިޓަލުގެ ޚިދުމަތާއި ގުޅިވަޑައިގަތީ މިދިޔަ ހަފްތާ ތެރޭގައެވެ.

ޕީއެސްމްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ޙަސަން ފަޒީލް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލަށް މީ ތާރީޚީ ދުވަހެއްކަމަށެއެވެ. އެގޮތުން މިފަދަ ޚިދުމަތެއް ފެށިގެން ދިޔުމަކީ އެ ހޮސްޕިޓަލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އަލަށް މި ފެށުނު ޚިދުމަތާއެކީ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަޒީލް ވިދާޅުވީ އެ ހޮސްޕިޓަލަށް ޒިޔާރަތްކޮށް ހިދުމަތް ހޯދާ ފަރާތަކުގެ ތެރެއިން އެންމެ ގިނައިން އެންމެ ގިނައިން ބަލިމީހުން ފަރުވާއަށް މާލެ ފޮނުވަން ޖެހޭ ދާއިރާތައް ފާހަގަކުރިކަމަށެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމައް 30ހަކަށް މީހުން މާލެ ފޮނުވަން ޖެހުންކަމަށެއް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ހިދުމަތަކީ ރައްޔިތުންނަށް އަދި ހޮސްޕިޓަލަށްވެސް މުހިންމު ހިދުމަތެއްކަން ފާހަގަވެގެން ދިޔަކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ މި ޚިދުމަތް ފެށިގެން ދިޔުމާއެކު މިހާރު ވަނީ އެޕޮއިންމަންޓްތައް ފުލްވެފައިކަމަށެއެވެ. އެގޮތުން އަތޮޅުތެރެއިން މީހުން އެޕޮއިންޓްމަންޓް ހޯދުމަށް ގުޅާ ނިސްބަތައް ބަލާއިރު މި ހިދުމަތް ހޯދުމަށް ބޭނުންވާ މީހުންގެ ޢަދަދު ގިނަކަމާއި، ޑިމާންޑް އޮތްވަރު އެނގިގެންދާކަމަށް އޭނާ ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ ކޮންމެ ދުވަހަކުވެސް 30 ނަންބަރު ދޫކުރަން ހަމަޖެހިފައިވާކަމަށެއެވެ.

"މި ހިދުމަތް ފެށުމާއެކު މިހާރު މި ވަނީ އެޕޮއިންޓްމަންޓްތައް ފުރިފައި. އަތޮޅުތެރެއިންވެސް ވަރަށް ގިނަ ފަރާއްތަކެއް ހަމަ އެބަގުޅާ އެޕޮއިންޓްމަންޓް ބޭނުންވެގެން. އެހެންވީމައި ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް މި ޚިދުމަތައް" ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ޙަސަން ފަޒީލް ވިދާޅުވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އިތުރު އައު ޚިދުމަތްތައްވެސް އެ ހޮސްޕިޓަލުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން އިކޯކާޑިއޯގްރާމްގެ ޚިދުމަތާއި، އެމް.އާރު.އައި ޚިދުމަތް ފެށުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ޓްރޯމާ ސާރޖަރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ލެޕްރޯސްކޮޕިކް ސާޖަރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ފާއިތުވިި 5 އަހަރުގެ ތެރޭގައި އުނގުފާރު ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރެވުނު މުހިންމު ޚިދުމަތްތަކަކީ މިއަދު ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދިޔަ ޚިދުމަތްތަކެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެގޮތުން އެހޮސްޕިޓަލުން އަލަށް ފަށްޓަވައިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، މެމޯގްރަފީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ފުޅާކުރައްވާފައެވެ.