ޚަބަރު

މަސައްކަތް ފެށިތާ 10 ދުވަހުގެތެރޭގައި މަތިކޮމަންޑޫގެ ބިންހިއްކައި ނިންމާލައިފި


  • މަތިކޮމަންޑޫ ބިން ހިއްކަން ފެށީ މިދިޔަ މަހު 28ވަނަ ދުވަހު

  • މި ޕްރޮޖެކްޓްގައި 16.7 ހެކްޓަރު ވަނީ ހިއްކާފައި

  • މި މަޝްރޫޢުއަށް ކޮމަންޑޫ ރައްޔިތުން ކުރާ އުއްމީދު ބޮޑު

ޢަމަލީ މަސައްކަތް ފެށިތާ 10 ދުވަހުގެ ތެރޭގައި މަތިކޮމަންޑޫގެ ބިން ހިއްކާ ނިންމާލައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.

މަތިކޮމަންޑޫ ހިއްކާ ކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް ޕްރޮޖެކްޓް ސަރވޭގެ އިތުރު މަސައްކަތްތަކެއް ކުރުމާއި، އެމްޓީސީސީން ބިން ހިއްކާ ޑްރެޖަރުގެ މައްސަލަތަކެއް ދިމާވެ މަޝްރޫޢު ލަސްވެގެންދިޔައެވެ.

ނަމަވެސް އެމްޓީސީސީން ކުއްޔަށް ޑްރެޖަރެއް ގެނެސް، މިހާރު ސަރުކާރުން ބިން ހިއްކުމަށް ހަވާލުކޮށްފައިވާ ރަށްރަށުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި އަންނަނީ ކުރަމުންނެވެ.

އެގޮތުން މަތިކޮމަންޑޫ ހިއްކާ ކޮމަންޑުއާ ގުޅާލާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހުއެވެ. އަދި މަސައްކަތް ފެށިތާ 10 ދުވަހުގެ ތެރޭގައި، ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާލާފައެވެ.

މި މަޝްރޫޢުގައި 16.7 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމަށް 1690 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލާނެއެވެ.

ށ.މަތިކޮމަންޑުއަކީ، ކޮމަންޑުއާއި ހަތަރުސަތޭކައެއްހާ މީޓަރު ދުރުގައި އޮތް ފަޅު ރަށެކެވެ. މަތިކޮމަންޑުއިން ހިއްކި ސަރަޙައްދު ކޮމަންޑުއާއި ގުޅާލާނީ 200 މީޓަރުގެ ލިންކަކުންނެވެ.

މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރައްވާފައިވަނީ 249.90 މިލިއަން ރުފިޔާއަށެވެ.

ށ.ކޮމަންޑުގެ އާބާދީ 1900އަށްވުރެ އިތުރެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 600 މީހުނެވެ. މިހާ ކުޑަ އާބާދިއެއް ދިރިއުޅެމުންދާއިރުވެސް، ރަށުގެ ބިން ފުރި އިންތިހާއަށް ބޯހިޔާވަހިކަމުގެ މައްސަލަ ރަށަށް އޮތީ ކުރިމަތިވެފައެވެ. ހަނި ގޯޅިތަކުން، ކުދިކުދި ގޭބިސީތަކުގައި ރަށުގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ދަތި ހާލުގައެވެ.

2018ވަނަ އަހަރު ކޮމަންޑޫއިން 10 ހެކްޓަރު ހިއްކިނަމަވެސް، އެ މަސައްކަތްކޮށްފައި އޮތްގޮތުން މިހާތަނަށްވެސް އެ ބިން ބޭނުންކުރެވޭގޮތެއް ރަށުގެ ރައްޔިތުންނަކަށް ނުވެއެވެ.

ނަމަވެސް މަތިކޮމަންޑޫ ބިންހިއްކާ ކޮމަންޑޫއާއި ގުލުވާލުމުގެ މަޝްރޫޢުއާއެކު ރަށުގެ ރައްޔިތުންގެ އޮތް އެންމެ ބޮޑު އުއްމީދަކީ، އަމިއްލައަށް ދިރިއުޅެލޭނެ ރަނގަޅު ބޯހިޔާވަހިކަމެއް ލިބި ޒަމާންވީ މި މައްސަލައަށް ޙައްލު ލިބިގެންދިއުމެވެ. އަދި ރަށުގައި އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން އައުމެވެ.