އއ.އުކުޅަހު މަގު ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ނިމޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީންދަނީ އުކުޅަހުގެ 10 މަގެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ފަތުރުވެރިކަމުގައި މުޅި ރާއްޖޭގައި ފާހަގަކޮށްލެވޭ އެއް ރަށަކީ އއ.އުކުޅަހެވެ. އެހެންނަމަވެސް އުކުޅަހުގެ ފަތުރުވެރިކަމާއި ރީތިކަމަށްވެސް އަދި އެނޫން ގޮތްގޮތުންވެސް އޮތް އެންމެ ބޮޑު ދައްޗަކީ ވާރޭ ވެހުމުން އެރަށުގެ މަގުތަކުގައި ފެންބޮޑުވެ މަގުތައް ޗަކަވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރައްވައިގެން އުކުޅަހުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށީ، މިދިޔަ ޖޫން މަހުގައެވެ.
އުކުޅަހުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އުކުޅަހުގެ މަގު ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މިސްޕީޑުގައި މަސައްކަތް ކުރިއަށްދާނަމަ އަންނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި މަގުހެދުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ ހަވާލުކޮށްފައިވަނީ މިރަށުގެ 10 މަގު ހެދުމުގެ މަސައްކަތް. މިހާރު މިދަނީ އެންމެ ބޮޑު 2 މަގުގެ މަސައްކަތް ފެށިގެން ކުރިއަށް. މިސްޕީޑުގައި ދާނަމަ އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި މަސައްކަތް އެއްކޮށް ނިމިގެން ރައްޔިތުންނާއި ހަވާލުކުރެވޭނެ." އާޒިމް ވިދާޅުވިއެވެ.
އުކުޅަހުގެ ކައުންސިލާއި ރައްޔިތުންގެވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވާރޭ ވެހި ފެންބޮޑުވުމުން މަގުތައް ޗަކަވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ކުރިމަތިވަމުންދިއުމެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ މިހާރުވެސް ނުރައްކާތެރި އެކި ޙާދިސާތައް ހިނގާފައިވާކަމަށާއި، އަދި އެކިވަރުގެ އަނިޔާ އެރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ލިބިފައިވާކަމަށް ޝައުކަތު ވިދާޅުވިއެވެ.
"ފަތުރުވެރިކަމަށް މީގެ ސަބަބުން ރަނގަޅު އަސަރުކުރާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. މަގުތައް ޑިޒައިން ކުރިއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ބެލިން މަގުތައް ފެހިކޮށް ޒީނަތްތެރިކުރެވޭނެ ގޮތްތަކަށް. އެހެންކަމުން މަގުގެ މަސައްކަތް ނިމިގެންދާއިރު އޭގެ ސަބަބުން މިރަށުގެ ފަތުރުވެރިކަމަށް ރަނގަޅު ކުރިއެރުމެއް އަންނާނެކަމަށް އަޅުގަނޑުމެން ދެކެނީ." ޝައުކަތު ވިދާޅުވިއެވެ.
އުކުޅަހު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 10 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ޖުމްލަ 2.68 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.