ޑްރެޖަރަށް މައްސަލަތަކެއް ދިމާވެގެން ހުއްޓިފައި އޮތް ތ.ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ ހަފްތާގައި އަލުން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.
ސަރުކާރުން ހިރިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރުގެ މޭމަހުއެވެ.
1200 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މޭމަހު ފެއްޓިނަމަވެސް، އެ މަސައްކަތް ހުއްޓާލަން ޖެހުނީ އެމްޓީސީސީގެ ޑްރެޖަރަށް މައްސަލަތަކެއް ދިމާވުމުންނެވެ.
ޑްރެޖަރަށް މައްސަލަތަކެއް ދިމާވެގެން ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މެދުކަނޑާލިއިރު ހިއްކާ ސަރަޙައްދުގެ ބައުންޑް ވޯލް ޖަހާ، ވެލިއެޅުން ފިޔަވާ އެހެން ހުރިހާ މުހިންމު މަސައްކަތްތައް ވަނީ ނިންމާލާފައެވެ.
އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވި އަންނަ ހަފްތާގައި ހިރިލަންދޫއިން ހިއްކުމަށް ހަމަޖެހިިފައިވާ ސަރަހައްދަށް ވެލި އަޅަން ފަށާނެކަމަށެވެ. އަދި ތ.ހިރިލަންދޫގެ ބިން ހިއްކާ ސަރަޙައްދަށް ވެލި އެޅުމަށް އެމްޓީސީސީގެ ބޮޑު ޖައްރާފާ މިހާރު އެރަށަށް ގެންގޮސްފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ބޮޑުމިނުގައި 26 ހެކްޓަރު ހުންނަ ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށަށް އިތުރު 25 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ. އަދި ހިއްކާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިމަހު ނިންމާލުމަށް މަސައްކަތްކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
150 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ދަށުން ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލާނެއެވެ. އަދި މޫދަށް އެރޭ ސަރަޙައްދެއްވެސް އެ ރަށުގައި ތަރައްޤީކުރާނެއެވެ.
ހިރިލަންދޫއަކީ ފައިބަރު މަސައްކަތާއި، މަސްވެރިކަމާއި މަސް ކައްކައިގެން ނަފާ ހޯދުންފަދަ އިޤްތިޞާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގާ ރަށެއްކަމުން ބިމުގެ ޖާގައިގެ ދަތިކަމަކީ އެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އޮތް ހުރަހެކެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ވިޔަފާރީގެ އިތުރު ފުރުޞަތުތައް އެ ރަށުގައި އިތުރުކުރެވިގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.