ޚަބަރު

ހުޅުމާލޭގައި 16 ރެސިޑެންޝަލް ޢިމާރާތް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފި


  • ހުޅުމާލޭގައި 16 ރެސިޑެންސަލް އިމާރާތްތައް ހެދުމަށް ހަވާލުކުރީ 15 ކުންފުންޏަކާ

  • މި އިމާރާތްތަކުގައި 1،800 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތައް ހުންނާނެ

  • އިމާރާތްތަކުގެ 60 ޕަސެންޓް ހާއްސަކުރާނީ މިޑް ރޭންޖު މާކެޓަށް

ހުޅުމާލޭގައި 16 ރެސިޑެންޝަލް ޢިމާރާތް ހެދުމަށް ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ)އިން 15 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ވަނީ އެކަމުގެ އެއްބަސްވުމުގައި ކުންފުނިތަކާއެކު މިހާރު ސޮއިކޮށްފައެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހުޅުމާލޭ ފޭސް 1 އަދި 2 ގައި ހެދުމަށް ނިންމާފައިވާ 10 ރެސިޑެންޝަލް އިމާރާތުގެ މަސައްކަތާއި، ފޭސް1ގައި ހަދާ 6 މިކްސްޑް ރެސިޑެންޝަލް އިމާރާތުގެ މަސައްކަތެވެ.

މި ޕްރޮޖެކްޓުތައް ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކުރުމަށް ސޮއިކުރި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ މިފަދަ ޕްރޮޖެކްޓްތައް ހިންގުމަށް އައު ކުންފުނިތަކެއްކަމަށެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުން ހޯދަމުން ދިޔައިރުވެސް އައު ކުންފުނިތަކަށް ފުރުޞަތު ދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވިކަމަށް އާތިފް ވިދާޅުވިއެވެ. މިއީ އެ ކުންފުނިތަކުގެ ކުރިއެރުމަށް ފަހިކޮށްދިން ފުރުޞަތެއްގެގޮތުގައި އާޠިފް ސިފަކުރެއްވިއެވެ.

"މި ކުންފުނިތަކާއެކު ރަނގަޅަށް ޑެލިވާރ ވެފައިވާ ޓްރަސްޓް ބިލްޑް ކުރެވިއްޖެކަމުގައިވާނަމަ، ލޯންގު ޓާރމް ސަކްސެސްއެއް އޮތް ހަމަ އެކަނި ހަސުސިންގއެއް ނޫން ޑިވްލޮޕްމަންޓް ސެކްޓަރ ބަދަލުވެގެން އައްނައިރު އަންނާނީ. ރާއްޖޭގައި ޓުއަރިޒަމް ސެކްޓާރގައި ވަރަށް ގިނަ އިންވެސްޓާރސްއަކީ ފޮރިން އިންވެސްޓާރސް. އަބަދުވެސް އެބަ ބަލާ ރިލޭބަލް ކޮންޓްރެކްޓާރސް ލިބޭތޯ" އާތިފް ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ޢިމާރާތްކުރާ 16 ރެސިޑެންޝަލް ޢިމާތުގައި 1،800 އަށް ވުރެ ގިނަ ހައުސިން ޔުނިޓު ހުންނާނެ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ 60 ޕަސެންޓް ހާއްސަކުރާނީ މިޑް ރޭންޖު މާކެޓަށް ކަމަށް އެޗްޑީސީން ބުންޏެވެ.