ޚަބަރު

އުކުޅަހުގައި އެކަނިވެސް ތަރައްޤީގެ 167 މިލިއަން ރުފިޔާގެ 5 މަޝްރޫޢު


  • އުކުޅަހުގައި ކުރިއަށްދާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ކުރަނީ އެމްޓީސީސީން

  • އެރަށުގައި އެމްޓީސީސީން އަންނަނީ 5 މަޝްރޫޢެއްގެ މަސައްކަތް ކުރަމުން

  • ހުރިހާ މަސައްކަތެއް މިއަހަރުގެ ނިޔަލަށް ނިންމުމަކީ ކުންފުނީގެ އަމާޒު

އެމްޓީސީސީން އުކުޅަހުގައި ކުރިއަށްގެންދާ 5 މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން އަންނަނީ އެރަށުގައި 167 މިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަމުންނެވެ.

އއ.އުކުޅަހުގައި ކުރިއަށް ގެންދާ ތަރައްޤީގެ 5 މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާވަނީ ހަވާލުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި އެރަށުގެ ތޮށިގަނޑު ހެދުމާއި، މަގު ހެދުމާއި ރަށުގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތެވެ. މިމަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިހާރު ކުރިއަށްދާ ހުރިހާ މަޝްރޫޢެއްގެ މަސައްކަތްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން މިރަށުގައި ކުރިއަށް އެބަގެންދަން 167 މިލިއަން ރުފިޔާގެ 5 ޕްރޮޖެކްޓް. މިހުރިހާ މަޝްރޫޢެއްވެސް މިއަހަރު ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުން މިދަނީ." އާޒިމް ވިދާޅުވިއެވެ.

އުކުޅަހުގައި މިހާރު ކުރިއަށްގެންދާ އެންމެ މުހިއްމު މަސައްކަތަކީ އެރަށުގެ ބަނދަރުގެ މަސައްކަތް ކަމަށް ރަށު ކައުންސިލުން ފާހަގަކުރެއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، މީގެ 5 އަހަރު ކުރިއަށް ބަލާއިރު ރަށަށް އަރާ ފޭބުމަށް ބޭނުންކުރަމުންދިޔަ ޖެޓީ އޮތީ ހަލާކުވެގެން މޫދަށް ވެއްޓިފައިކަމަށެވެ. އެހެންކަމުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އޭރު ސަރުކާރުގައި ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

"ފަތުރުވެރިކަމަށް ޚާއްސަ ރަށެއް. މިހާރުވެސް ވަރަށް ގިނަ ފަތުރުވެރިން ރަށުގައި އެބަތިބި، އެހުރިހާ ފަރާތެއްވެސް ބޭނުންކުރާ ޖެޓީ މިޖެޓީއަކީ. މޫދު އަޑީގައި އޮންނަތާ 1 އަހަރު ވީފަހުން މިމަސައްކަތް ފެށިގެން މިދިޔައީ." ޝައުކަތު ވިދާޅުވިއެވެ.

އުކުޅަހަކީ ރާއްޖޭގެ ގެސްޓް ހައުސް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ އެކި މައްސަލަތައް ޙައްލުކުރުމަށް، ސަރުކާރުން އަންނަނީ އެކި މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އެރަށުގައި ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއަކީ ބިން ހިއްކުމުގެ މަސައްކަތެވެ. 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު މިފަހްތާގެ ތެރޭގައި ނިންމުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން އެރަށުގެ 12 މަގެއްގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. އެމްޓީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށުގައި ހަދަމުންދާ ބަނދަރުގެ ފުރަތަމަ ފިޔަވަހީގައި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.