ޚަބަރު

މަތިވެރީގެ މިހާރުގެ ސައިޒަށްވުރެ ބޮޑު ބިމެއް ހިއްކަން އެމްޓީސީސީއަށް


  • - މަތިވެރީގެ ބިމަށް 26.5 ހެކްޓަރު އިތުރުވާނެ

  • - މިހާރުގެ މަތިވެރީގެ ސައިޒަކީ 20.9 ހެކްޓަރު

  • - 390 ދުވަހުގެ ތެރޭ މަސައްކަތް ނިންމަންޖެހޭ

އަރިއަތޮޅު އުތުރުބުރި މަތިވެރީގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރްކްޓިން ކޮމްޕެނީ
(އެމްޓީސީސީ) އާ ހަވާލުކުރައްވައިފިއެވެ.

މި މަޝްރޫއު ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީޗް އެކްޒެކްޓިވް އޮފިސަރ އާދަމް އާޒިމްއެވެ.

މަތިވެރި ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 26.5 ހެކްޓަރުގެ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީ މަތިވެރީގެ މިހާރުގެ ބިމުގެ ސައިޒަށްވުރެ ބޮޑު ސަރަހައްދެކެވެ. މަތިވެރީގެ މިހާރުގެ ބިމުގެ ސައިޒަކީ 20.9 ހެކެޓަރެވެ.

މަތިވެރީގެ ބިން ހިއްކުމުގެ މަޝްރޫއު ދަށުން ރަށުގެ އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓަކާއި ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރަށުގެ އިރުމަތީ ފަރާތު ގޮނޑު ދޮށަށް 5 މީޓަރު ފުޅާމިނަށް ވެލިއެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަތިވެރި ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 142.9 މިލިއަން ރުފިޔާއަށެވެ.

1000 އެެއްހާ މީހުންގެ އަބާދީއެއް އޮންނަ މަތިވެރިއަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ. މިހާރުވެސް އެރަށުގައި ގާތްގަނޑަކަށް 13 ގެސްޓްހައުސް ހިންގަމުންދެއެވެ.

އއ. މަތިވެރީގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ ނިޒާމު ޤާއިމުކޮށް އެ ޙިދުމަތް އަންނަނީ ދެމުންނެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވާރކެއް ޤާއިމްކޮށް ފެން ޕްލާންޓް ބަހައްޓާ ރަށުގެ 236 ތަނަކަށް މި ޙިދުމަތް ވަނީ ގުޅާދީފައެވެ.

ފުޅާދާއިރާގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ހިންގާ މިރަށުގެ ރައްކާތެރި ފެނާ ނަރުދަމާ ނިޒާމެއް ޤާއިމްވެގެންދިއުމަކީ މި ވިޔަފާރި އިތުރަށް ފުޅާވެ ރައްޔިތުން އެކަންކަމަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމެއްކަމަށް އެރަށު ކައުންސިލާ ރައްޔިތުން ދެކެއެވެ. އަދި ރަށުގެ ބިމަށް އިތުރުވާ ބަޔާއި އެކު ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވެ އެކަމުގެ ނަފާ ހުރިހާ ރައްޔިތުންނަށް ކުރާނެކަމަށްވެސް ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.