ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި އެކްސްރޭ މެޝިނެއް ޤާއިމުކޮށް، ޚިދުމަތް ފަށަން ތައްޔާރުވަނީ


  • ފުވައްމުލަކުގައި މިހާރު ބޭނުންކުރަނީ މީގެ 12 އަހަރުކުރިން ބޭނުންކުރަން ފެށި މެޝިނެއް

  • އައު އެކްސްރޭ މެޝިން އިންސްޓޯލްކޮށް ނިމިގެން ޓެސްޓުކުރަމުންދަނީ

  • ހުރިހާ މަސައްކަތެއް ނިމި އަންނަ ހަފްތާގައި ޚިދުމަތްދޭން ފެށޭނެ

ފުވައްމުލައް ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ އެކްސްރޭ މެޝިނެއް ބަހައްޓާ ޚިދުމަތްދިނުމަށް އެހޮސްޕިޓަލުން ތައްޔާރުވެއްޖެއެވެ.

ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ފުވައްމުލައް ސިޓީގައި ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ އައު ޢިމާރާތެއް ތަރައްޤީކޮށް މީގެކުރިން ނުލިބޭ އެތައް ޚިދުމަތެއް މިހާރު އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ހޮސްޕިޓަލުގައި އެކްސްރޭ މެޝިން މިހާރު ވަނީ އިންސްޓޯލްކޮށްފައެވެ. އަދި އެސްޓީއޯގެ ބަޔޯމެޑިކަލް އިންޖިނިއަރުން މިހާރު ކުރައްވަމުންގެންދަވަނީ މެޝިން އިންސްޓޯލްކުރުމަށްފަހު ކުރަންޖެހޭ ޓެސްޓުތައް ކުރުމުގެ މަސައްކަތާއި ހޮސްޕިޓަލްގެ ނެޓްވޯކާއި މެޝިން ގުޅާލުމުގެ މަސައްކަތްތައްކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުވައްމުލައް ހޮސްޕިޓަލް ހިންގެވުމާއި ޙަވާލުވެ ހުންނެވި މުޙައްމަދު ޟިރާރު ވިދާޅުވީ، އެކްސްރޭ މެޝިން ބަހައްޓާ ކޮޓަރީގެ ބޭރުގައި ހަރުކުރަންޖެހޭ ބޮކިތަކާއި އަދިވެސް ކުރަންހުރި ބައެއް ކުދިކުދި މަސައްކަތް އެބަހުރިކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި މިހާރު ބޭނުންކުރަމުންދަނީ 12 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން އަންނަ ޕޯޓަބަލް ކުޑަ އެކްސްރޭ މެޝިނެކެވެ. އަދި މިހާރު ޤާއިމުކުރަމުންދާ އެކްސްރޭ މެޝިނާއެކު ހޮސްޕިޓަލުން ނަގާ އެކްސްރޭގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވާނެކަމަށްވެސް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މިހާރުވެސް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 60 އާއި 70 އާއި ދެމެދުގެ ޢަދަދަކަށް އެހޮސްޕިޓަލުން އެކްސްރޭ ނަގާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

12000 އެއްހާ މީހުން ދިރިއުޅޭ ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި އެކްސްރޭގެ އިތުރުން ސީޓީ ސްކޭނާއި މެމޮގްރަފީގެ ޚިދުމަތްފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އަންނަ ސެޕްޓެމްބަރު މަހު މިދެޚިދުމަތްވެސް ފެށިގެންދާނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.