ޚަބަރު

ކޮލަމާފުއްޓާއި މަޑަވެލީގެ ބިން ހިއްކުން އެމްޓީސީސީއަށް


  • ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 9.16 ހެކްޓަރު ހިއްކާނެ

  • މަޑަވެލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 8.85 ހެކްޓަރު ހިއްކާނެ

  • މި މަޝްރޫއާއެކު މި ދެ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެ

ގއ. ކޮލަމާފުއްޓާއި ގދ. މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށަށް 9.16 ހެކްޓަރުގެ ބިން އިތުރުކުރާނެއެވެ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކުރެއްވީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 44.33 މިލިއަން ރުފިޔާއަށެވެ.

މަޑަވެލީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 8.85 ހެކްޓަރުގެ ބިން އެރަށަށް އިތުރުކުރާނެއެވެ. މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރީ 77.9 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ މަސައްކަތް ނިންމާގޮތަށެއެވެ.އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 628 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި 678 މީޓާރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ.

އާބާދީގައި 1،600އެއްހާ މީހުން ދިރިއުޅޭ ގއ.ކޮލަމާފުއްޓަކީ ނިސްބަތުން ބޮޑު ރަށެއްނަމަވެސް ދިރިއުޅުމަށް ގޯތި ދޫކޮށް މިހާރު އެރަށުގެ ބިން ވަނީ އެއްކޮށް ފުރިފައެވެ. ކޮލަމާފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ.

ކޮލަމާފުށީ ކައުންސިލުން ވިދާޅުވީ އެރަށަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަން ކަމަށެއެވެ. އެގޮތުން ރަށުގައި މިހާރުވެސް ގޯތި ބޭނުންވެފައިވާ އެތައް އާއިލާތަކެއް އެބަތިބިކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

"ރަށުގައި މިހާރު ބިމުގެ ދަތިކަމުން ގޯތީގެ އިތުރުން އެހެން ބޭނުމަކަށްވެސް ނެއް ބިމެއް ދެވޭކަށް. 2006 ވަނަ އަހަރު ގޯތި ދޫކުރިގޮތަށް ބިމުގެ ދަތިކަން ހުރުމުން ގޯތިވަނީ ދޫނުކުރެވިފަ. މިހެން ވުމުން ގިނަ އާއިލާތަކެއް އުޅެން މިޖެހެނީ އެއްގެޔެއްގައި ވަރަށް އުނދަގޫކޮށް" ކޮލަމާފުށީ ކައުންސިލުން ވިދާޅުވިއެވެ.

ކޮލަމާފުށީ ކައުންސިލުން ވިދާޅުވީ އެރަށު ބިމަށް އިތުރު ކުރާ ބިމާއެކު ކުރިއައް އޮތް 50 އަހަރަށްވެސް ބިމުގެ ޖާގައިގެ ދަތިކަން ދިމާނުވާނެކަމަށެއެވެ.


2000ހެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަވެލީގެ ބޮޑުމިނަކީ 49.8 ހެކްޓަރެވެ. އެރަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ދަތިކަމެވެ. ދިރިއުޅުމުގެ ބޭނުމަށާއި، ވިޔަފާރިއަށް ދޫކުރާނެ އިތުރު ބިމެއް ނެތުމުގެ ދަތިކަންވެސް އެރަށަށްވަނީ ކުރިމަތިލާން ޖެހިފައެވެ. މިއާއެކު އެތަކެއް އަހަރުތަކެއް ވަންދެން ރަށުން ގޯތި ނުދެވި އޮތްއޮތުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ޝަކުވާއެއްކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން ވިދާޅުވީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، މަޑަވެލީގެ ރައްޔިތުންނަށް ރަށުގައި ދިރިއުޅުމަށާއި، ވިޔަފާރިއާއި އިޤްތިޞާދީ ބޭނުމަށް ބިން ދޫކުރެވޭނެކަމަށެވެ.

ގއ.ކޮލަމާފުށި އަދި ގދ.މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.