ތިލަމާލެ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު ހަދާ ބްރިޖުގެ ތަނބުތައް ކަނޑަށް ފެއްތުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެއާއި ވިލިމާލެއާއި ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ތަރައްޤީކުރާ ތިލަމާލޭ ބްރިޖްގެ ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ގުޅިފަޅުގައި ބްރިޖްގެ އެކިބައިތައް ޕްރީކާސްޓްކުރުމުގެ މަސައްކަތްތަކާއި ބްރިޖްގެ ތަނބުތަކާއި ގުޅޭ އެކި މަސައްކަތްތަކާއި، ބްރިޖްގެ މައި ޑެކު ތައްޔާރުކުރުމުގެ މަސައްކަތް އެކި ބައިބަޔަށް ގުޅީފަޅުގައި އަންނަނީ ކުރަމުންނެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިންޑިއަން ހައިކޮމިޝަނުން ކުރެއްވި ޓުވީޓުގައިވަނީ ދެވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިމާލެއާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެއާއެކު ސުޕަސްޓްރަކްޗާތަކުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެ ޓުވީޓުގައިވެއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ބްރިޖްގެ މައި ޑެކްގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ ސަރަޙައްދުން ކަމަށެވެ. މިމަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ގުޅާލުމަށް ހަމަޖެހިފައިވަނީވެސް މާލެއާއި ވިލިމާލެއެވެ. އަދި ވިލިމާލެއިން ގުޅިފަޅަށެވެ. މިދެ ސަރަޙައްދުގައިވެސް މިހާރު އެންމެ ބޮޑު މަސައްކަތަކަށް ކުރިއަށްދަނީ ބްރިޖްގެ މައި ޑެކްގެ މަސައްކަތެވެ.
ބްރިޖްގެ މަސައްކަތުގެ ތެރެއިން ކަނޑުގައި ޖަހާ ގިނަ ތަނބުތަކެއް މާލެއާއި ގުޅިފަޅާއި ދޭތެރޭ ދަތުރުކުރާއިރު ފެންނަގޮތަށް މިހާރު ފެނުންމައްޗަށް ހުންނަކަން ފާހަގަކުރެވެއެވެ. އެކި ސަބަބުތަކާއިގުޅިގެން ބްރިޖްގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްތަކެއް އައިނަމަވެސް ކަނޑައަޅާފައިވާ ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ހައުސިންގ މިނިސްޓްރީން ފާހަގަކުރައްވައެވެ.
ގްރޭޓަރ މާލޭ ސަރަޙައްދަށް ބޮޑު ބަދަލެއް އިޤްތިޞާދީގޮތުންވެސް އަދި ޢުމްރާނީގޮތުންވެސް ގެނުވާނެ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ 2024 ނިޔަލަށެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރުމަށްވަނީ ހަމަޖެހިފައެވެ.