ޅ.ނައިފަރު ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ. މިމަޝްރޫޢުގެ ދަށުން ނައިފަރުން 20.95 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
މިމަސައްކަތުގެ ދަށުން 20.95 ހެކްޓަރުގެ ބިން ހިއްކާ އެބިން ހިމާޔަތްކުރުމަށް 1600 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި، 359 މީޓަރުގެ ރިވެޓްމަންޓްޖެހުމާއި 180 މީޓަރުގެ ގްރޮއިން ޖެހުމަށްވަނީ ހަމަޖެހިފައެވެ.
އެމްޓީސީއާއި ހަވާލުކުރައްވާފައިވަނީ، ބިން ހިއްކުމުގެ މަސައްކަތް 11 މަސް ދުވަހުން ނިންމާގޮތަށް، 141 މިލިއަން ރުފިޔާއަށެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމްޓީސީސީން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
ޅ.އަތޮޅު ނައިފަރަކީ 5000އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. އާބާދީ އިތުރުވަމުން އައުމުގެ ސަަބަބުން، މީގެ 20އަހަރު ކުރިން 2004ވަނަ އަހަރުވެސް އެރަށުން ބިން ހިއްކިއެވެ. އެގޮތުން ހިއްކި 16 ހެކްޓަރުން، 2012 ވަނަ އަހަރު ގޯތި ދޫކޮށްފައިވެއެވެ.
އަދި މި ސަރުކާރުގައި، ނައިފަރުގައި 100 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢެއްވެސް ކުރިއަށްގެންދިޔައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ، މިހާރު ވަނީ އެ ޔުނިޓްތަކުގައި ދިރިއުޅެން ފަށާފައެވެ.
ނައިފަރުގެ އާބާދީ 5400އިން މައްޗަށް ވަނީ އަރާފައެވެ. މިވޭތުވެދިޔަ ދިހަވަރަކަށް އަހަރުވެސް އެރަށަށް ބިމުގެ ދަތިކަން އޮތީ ކުރިމަތިވެފައެވެ. އާބާދީ ބޮޑުވެ، ގޯއްޗަށް ބޭނުންވާ މީހުން އިތުރުވުމާއި އަދި ރަށުގައި އިޤްތިޞާދީ ހަރަކާތްތައްވެސް ކުރިއަށްގެންދިއުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ.
ނައިފަރުގެ ބިން ހިއްކުމުގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވަނީ ރ.ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތްކުރުމަށްވެސް ހަވާލުކުރައްވާފައެވެ. މިމަސައްކަތްވެސް ހަވާލުކުރެއްވީ އެމްޓީސީސީއާއެވެ.
މި މަސައްކަތުގެ ތެރޭގައި ގިރާ ސަރަޙައްދަށް ވެލި އަޅާ އިއާދަކުރުމާއި، 473 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސްއާއި، 320 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް އަދި 100 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.
މި މަސައްކަތް ހަވާލުކުރައްވާފައިވަނީ 7 މަސް ދުވަހުން ނިންމާގޮތަށް، 32.2 މިލިއަން ރުފިޔާއަށެވެ.