ޚަބަރު

ހުޅުމާލެއިން 62.6 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފި


  • ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކާނެ

  • މިއީ ބޯހިޔާވަހިކަމަށް ޚާއްސަކޮށް ހިންގާ މަސައްކަތެއް

  • ހުޅުމާލޭގެ އިތުރުން ދިޔަނެރު ފަޅު އަދި ތިލަފުށިން ބައެއް ހިއްކަން ހަވާލުކޮށްފައިވޭ

ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުނި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާއެވެ. ހުޅުމާލެއިން ބިން ހިއްކަނީ، ފަރުކޮޅުފުށި ކުރިމަތިން އޮތް ފަޅުގެ ސަރަޙައްދެވެ.

ހުޅުމާލެއިން ހިއްކާ މިބިމަކީ ގޯތި ދިނުމަށް ހިއްކާ ބިންކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ ބުނެފައެވެ.

ހުޅުމާލެއިން ބިން ބޭނުންކުރަނީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.

އަދި އަލަށް ހިއްކާ ބިންވެސް ބޭނުންކުރާނީ ބޯހިޔާވަހި ކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން އެ ސަރަޙައްދުގައި އާބާދުވާ މީހުންނަށް ބޭނުންވާ އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ބިން ކަނޑައަޅާނެއެވެ.

ހުޅުމާލޭގެ އިތުރުން ސީ.އެމް.ސީ ކުންފުންޏާވަނީ، އިތުރު 2 ސަރަޙައްދެއް ހިއްކުމަށް ހަވާލުކޮށްފައެވެ. އެއީ ދިޔަނެރު ފަޅުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއާ.ޑީ އިން 9.6 ހެކްޓަރ ހިއްކުމަށެވެ.

މި މަޝްރޫޢުތަކުގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ބިން ބޭނުންކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.