އަތޮޅުތައް

ފުވައްމުލަކު ހައުސިންގ ޔުނިޓްތައް އޮކްޓޫބަރު މަހު ނިމޭނެ


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުވައްމުލަކުގައި ހައްދަވާ 200 ހައުސިންގ ޔުނިޓުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފުވައްމުލަކު ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމައި ސަރުކާރާ ޙަވާލުކުރެވޭނެކަމަށެވެ.

ދަ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާގެ ލުއި ލޯންގެ އެހީގައި ސަރުކާރުން ކުރިއަށްގެންދަވާ ހައުސިންގ މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 1500 ހައުސިންގ ޔުނިޓެވެ. މީގެ ތެރެއިން ހުޅުމާލޭގައި 704 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. މި މަޝްރޫއުގެ ދަށުން ދެން ހައުސިންގ ޔުނިޓްތައް ގާއިމް ކުރައްވަމުން ގެންދަވަނީ، ދެކުނުގެ 4 އަތޮޅުގައެވެ. މީގެ ތެރެއިން ފުވައްމުލަކުގެ 2 އަވަށެއްގައި 200 ހައުސިންގ ޔުނިޓްގެ މަސައްކަތްދަނީ ކުރަމުންނެވެ. މިއީ ދިގުވާނޑު އަވަށުގައި 80 ހައުސިންގ ޔުނިޓް އަދި ދަޑިމަގު އަވަށުގައި ހަދާ 120 ހައުސިންގ ޔުނިޓެވެ.

ޕަބްލިކް ސަރވިސް މީޑިއާއަށް މައުލޫމާތު ދެއްވަމުން މި މަސައްކަތް ކުރިއަށްގެންދާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަންގެ ސިވިލް އިންޖިނިއަރ ލީ ޖޯ ބުނީ، ފުވައްމުލަކުގައި ހަދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ދިގުވާނޑު އަވަށު ހައުސިންގ ޔުނިޓްތަކުގެ ފުރާޅު ހަރުކުރުމާއި، އިންޓީރިއަރގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ދަޑިމަގު ހައުސިން ޔުނިޓްތަކުގެ ސްޓަކްޗަރަލް މަސައްކަތް މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ޒަމާނީ ފެންވަރަށް ފުވައްމުލަކުގައި ހަދާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ކޮންމެ ހައުސިންގ ޔުނިޓެއްގައި، 3 ކޮޓަރިއާއި، 3 ފާޚާނާގެ އިތުރުން، ލިވިންގ ރޫމަކާއި، ބަދިގެއެއް ހިމެނެއެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ބުނީ އެންމެ ދަތިވަނީ، މަސައްކަތައް ބޭނުންވާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ކަންކަން ކަމަށެވެ.

ފުވައްމުލަކުގައި ހަދާ 200 ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ އޮކްޓޫބަރުގައި ސަރުކާރާއި ހަވާލުކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.