ޚަބަރު

އއ.ބޮޑުފޮޅުދޫ ބިން ހިއްކަން ފަށައިފި


  • ބޮޑުފޮޅުދޫއަކީ 8 ހެކްޓަރުގެ ކުޑަ ރަށެއް

  • މިމަޝްރޫޢުގެ ދަށުން އެރަށަށް އިތުރު 8 ހެކްޓަރު އިތުރުކުރާނެ

  • މިއާއެކު ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުގެ އިޤްތިޞާދީ ފުރުޞަތުތަކަށް މަގުފަހިވާނެ

އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކުރައްވައިގެންނެވެ.

އއ.ބޮޑުފޮޅުދޫއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިމުގެ ގޮތުން އެންމެ ކުޑަ ރަށްތަކުގެ ތެރެއިން ރަށެކެވެ. 8.7 ހެކްޓަރުގެ ބޮޑުފޮޅުދޫގެ އާބާދީއަކީ 800 ވަރަކަށް މީހުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީ މިއަށްވުރެ މަދެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ކުރިމަތިވެފައިވާ އެރަށުގައި، އިތުރު އިޤްތިޞާދީ ފުރުޞަތުތައްވެސް ފުޅާކުރުމަށް އޮތް ގޮންޖެހުމަކީ ބިން ނެތުމެވެ.

މިއާއެކު ރަށަށް ބޭނުންވާ ބިން ހިއްކުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ. ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި މިހާރު މިވަނީ ބިން ހިއްކާ ޑްރެޖަރު އެރަށަށް ގޮސް، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.

ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެއްޓުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ހިންގޭ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު އަބަދުވެސް ބަލަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރެވޭތޯ ކަމަށެވެ. އެހެންކަމުން ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަތް ދާނީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތައްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ބޮޑުފޮޅުދޫގެ ބިމަށް އިތުރުކުރެވޭ 12 ހެކްޓަރުގެ ބިން ހިއްކާ 12 ދުވަސް ތެރޭގައި ނިންމާލާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

" އިރާދަކުރެއްވިއްޔާ ކުރިއަތް އޮތް 12 ވަރަކަށް ދުވަސް ތެރޭގައި މިރަށުގެ 12 ހެކްޓަރު ހިއްކާ ނިންމާލެވޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރުމަށް. އަޅުގަނޑުމެން ދެމި ތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި" ޝާހިދު ވިދާޅުވިއެވެ.

ބޮޑުފޮޅުދޫގެ ކައުންސިލް ރައީސް ސުޖާއު އާދަމް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫއަކީ އެ ރަށުގައި ހިންގޭ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫއުކަމަށެވެ. ސުޖާއު ވިދާޅުވީ 1990 ވަނަ އަހަރުން ފެށިގެން ބޮޑުފޮޅުދޫއިން ދިރިއުޅުމަށްޓަކައި ގޯތި ދޫކޮށްފައި ނުވާކަމަށެއެވެ. ސަބަބެއްކަމަށް ސުޖާއު ފާހަގަކުރެއްވީ ބިމުގެ ޖާގައިގެ ދަތިކަމެވެ. ސުޖާއު ވިދާޅުވީ ބޮޑުފޮޅުދޫގައި މިހާރުވެސް އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150އަށްވުރެ ގިނަ މީހުން ތިބި ކަމަށެވެ. އެރަށުގައި ގިނަ އާއިލާތައް ދިރިއުޅެނީ މައިންބަފައިންގެ ގޯތިތަކުގައި، ކުދިކުދި ގޮޅިއަށް ފޫޓު ބަހައިގެންނެވެ. އެހެން ކަމުން ބިން ހިއްކާ ނިމުމުން މި ފަދަ ބޮޑެތި މައްސަލަތައް ހައްލުވެގެން ދާނެކަމަށް ސުޖާއު ވިދާޅުވިއެވެ.

" ދެން އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މުޅި ރަށުގެ ހުރިހާ އާއިލާތަކަށް ވަރަށް ބޮޑު ހިންހަމަ ޖެހުމަކާއި އުފާވެރިކަމެއް ލިބިގެންދާނެ. ދެން ބިމުގެ ދަތިކަން ހައްލުވެގެން ދާނެ. އިގްތިޞާދީ ގޮތުން ބަލާއިރު އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްގެން ދާނެ އަޅުގަނޑުމެން ގެސްޓު ހައުސްތައް އެޅުމާއި އަދި އެހެނިހެންވެސް ރައްޔިތުއްގެ ބޭނުންތަކަށް ރަށުގައި ޖޮބް އަދާ ކުރަން ބޭނުންވާ ކުދިންނަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެން ދާނެ" ސުޖާއު ވިދާޅުވިއެވެ.

ބިން ހިއްކާ ނިމުމުން އެ ބިމުން ގޯތި އެޅުމަށް ބިން ދޫކުރުމުގެ އިތުރުން، ފްލެޓް ތަރައްޤީކޮށް ދޫކުރެއްވުމަށްވެސް ކައުންސިލުން ވަނީ ނިންމަވާފައެވެ. އެހެންކަމުން ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމުން އެރަށަށް ދިމާވެފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ މައްސަލަތަކަށްވެސް ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ޤަބޫލުކުރައްވައެވެ.

ބޮޑުފޮޅުދޫގައި މިހާރު އޮތް ބިމުގެ ސައިޒާއި ގާތްގަނޑަކަށް އެއްވަރުގެ ބިމެއް ހިއްކުމަށް ފަށާފައިވާ މި މަޝްރޫއަކީ އެރަށުގެ ރައްޔިތުންނަށް މިހާތަނަށް ސަރުކާރަކުން ކޮށްދެއްވާ އެންމެ ބޮޑު ޚިދުމަތުގެ ގޮތުގައި ބޮޑުފޮޅުދޫ ކައުންސިލުން ފާހަގަކުރައްވައެވެ.

މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫގެ 12 ހެކްޓަރު ބިން ހިއްކާނެއެވެ. އަދި ހިއްކި ސަރަޙައްދުން 180 މީޓަރުގެ ސަރަޙައްދެއް ޙިމާޔަތްކުރާނެއެވެ. މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ 74 މިލިއަން ރުފިޔާއަށެވެ.