ޚަބަރު

އަޅުގަނޑުމެންގެ ސިޔާސަތުތަކާ ގުޅޭ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރާނަން: އިލްޔާސް


  • ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ މުހިންމު ސިޔާސަތުތައްވެސް ތަފްސީލުކުރުއްވި

  • ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކެބިނެޓުގެ %30 ޒުވާނުންނަށް

ދަ ޑިމޮކްރެޓްސްގެ ސިޔާސަތަކާ ގުޅިގެން މަސައްކަތްކުރާނެ ޕާޓީތަކާއެކު މަސައްކަތްކުރައްވާނެކަމަށް ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ޕީއެސްއެމްގެ "ރިޔާސީ ސިޔާސަތު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ އެއްވެސް ހިސާބެއްގައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދާފާނެތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭތް އިލްޔާސް ލަބީބު ވިދާޅުވީ އެޕާޓީގެ ސިޔާސަތާ ގުޅޭ، އެ ސިޔާސަތު ގަބޫލުކުރާ ފަރާތްތަކާއެކު މަސައްކަތް ކުރާނެކަމަށެވެ.

"އަޅުގަންޑުމެން 1، 2ގައި އޮންނައިރު އަޅުގަންޑުމެންނާ އެކީ ސިޔާސީ މަސައްކަތް ކުރަން، އަޅުގަންޑުމެންގެ ސިޔާސަތު ގަބޫލުކުރައްވައި ވަޑައިންނަވާ ހުރިހާ ބޭފުޅުންނާއެކީ އަޅުގަނޑުމެން އެމަސައްކަތް ކުރާނަން، އެގޮތުގަ އަޅުގަނޑުމެން ކުރިއަށް ދާނަން" އިލްޔާސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެފަދަ ނިންމުމެއް ނިންމަވާނީ، ޑިމޮކްރެޓްސްގެ ކައުންސިލާއި މަޝްވަރާ ކުރެއްވުމަށްފަހުކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ މުހިންމު ސިޔާސަތުތައްވެސް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން މަސްވެރިންނާއި ޓެކްސީ ޑްރައިވަރުންފަދަ އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ލިބޭ އާމްދަނީ އަކީ ރަސްމީ އާމްދަނީއެއްކަމަށް ދައުލަތުން ބަލައިގަނެ، މަހުގެ އަގު 25 ރުފިޔާއަށްވުރެ ދަށްކުރުން މަނާކުރުން ފަދަ ސިޔާސަތުތައް ގެންގުޅުއްވާނެކަަމށް އިލްޔާސް ވިދާޅުވިއެވެ. މީގެ އިތުރުން، އާސަންދަ ހޯދުމުގެ ދަތިކަން ނައްތާލައި، މާލެއިން ރައްރަށަށް ދަތުރުކުރުމުގެ ޓިކެޓު އަގުހެޔޮކޮށް، ރައްރަށުގެ ބިންވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮއްދެއްވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ ގެއްލުވާލައިފައިވާ އަދި ގޮތް ނޭންގޭ މަރުތަކުގެ ތަހުގީގު ކުރިއަށް ނުދާކަން ފާހަގަކުރައްވައި، އިންސާފު ގާއިމުނުވާކަމަށްވެސް ތުހުމަތުކުރައްވާފައެވެ. އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައިދެއްވާނެކަމަށްވެސް އިލްޔާސް ވަނީ މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެމަނިކުފާނުގެ ކެބިނެޓުގެ %30 ޒުވާނުންނަށް ޚާއްޞަ ކުރައްވާނެކަމަށާއި، ގިންތީގެ ހަމަހަމަކަން ގާއިމްކުރައްވާނެކަމަށްވެސް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވިއެވެ.