ރ. އިނގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިނގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 56.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތް ފުރިހަމަ ކުރުމަށް އެކުންފުންޏަށް ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.
އިނގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 1.9 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައިކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤްއެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ޙަސަން ސަޢީދު އެވެ.
އާބާދީގައި 2125 މީހުން ދިރިއުޅޭ، ރ. އިނގުރައިދޫއަކީ އެކި ބޭނުންތަކަށް ގިނަ ޢަދަދެއްގެ މީހުން އަރާފައިބާ ރަށެކެވެ. މިގޮތުން ދާ ފަރާތްތަކާއި އިނގުރައިދޫގެ ރައްޔިތުންނަށްވެސް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ރަށުގެ މަގުތަކުގެ އަޑިގުޑަންކަމެވެ. ވިއްސާރަ މޫސުމުގައި އިނގުރައިދޫގެ މަގުތައް ބޭނުންކުރުމަކީ ތަކުލީފު ބޮޑުކަމެއްކަން އެރަށު ރައްޔިތުން ފާހަގަކުރެއެވެ.
މަގުހެދުމުގެ މި މަޝްރޫޢާއެކު އިނގުރައިދޫ ރައްޔިތުންނަށް ޒަމާނީ ހިތްގައިމު މަގުތަކެއް ބޭނުންކުރަން ލިބި، މިހާރު ހުރި މައްސަލަތަކަށް އެކަށީގެންވާ ޙައްލުތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.