ޚަބަރު

ކުޅުދުއްފުށްޓާއި ތިނަދޫގައި ޓަރޝަރީ ހޮސްޕިޓަލް އެޅުމަށް ޗައިނާ ކުންފުންޏަކަށް


  • މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް

  • އެވޯޑްކޮށްފައިވަނީ 30 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް 76 މިލިޔަން ޑޮލަރަށް

  • މި ދެ ރަށުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް

ހދ. ކުޅުދުއްފުށްޓާއި، ގދ. ތިނަދޫގައި ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ޗައިނާ ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީއިން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ. މި ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 30 މަސްދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް 76 މިލިޔަން އެމެރިކާ ޑޮލަރަށެވެ.

ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓްރީއިން ވިދާޅުވީ، މި ދެރަށުގައި ތަރައްޤީކުރާ މި ދެ ހޮސްޕިޓަލަކީވެސް އައު ސަރަޙައްދެއްގައި ތަރައްޤީކުރެވޭ ހޮސްޕިޓަލްތަކެއް ކަމަށެވެ.

ހެލްތް މިނިސްޓްރީއިން ވިދާޅުވީ، ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ މިހާރުވެސް ރާއްޖޭގައި މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވުމުން މަސައްކަތް އަވަސް ސްޕީޑުގައި ނިންމާލެވޭނެކަމަށެެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރައްމިއްޔާތެއްގައި މި ދެ ހޮސްޕިޓަލުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެކްޒެކެޓިވް ޢަބްދުލް ހައްނާން ހުސެއިނެވެ. އަދި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއިއެވެ.

އަތޮޅުތަކުގެ ޞިއްޙީ ފަރުވާގެ ކަންކަން ހަރުދަނާކޮށް ޚިދުމަތައް އިތުރަށް ފުޅާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ރާޢްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ޓަރޝަރީ ހޮސްޕިޓަލް ތަރައްޤީކުރަން ޙަވާލުކުރެވުނު މި ދެރަށަކީވެސް އަތޮޅުތަކުގެ ރަށްތަކުގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ޞިއްޙީ ޚިދުމަތް ހޯދުމަށް ބަރޯސާވާ ދެ ހޮސްޕިޓަލެވެ.