ޚަބަރު

ހުޅުމާލޭގައި އިތުރު 10000 ފްލެޓް އަޅަނީ


ހުޅުމާލޭގައި އިތުރު 10،000 ފްލެޓް އެޅުމަށް ބޭރުގެ ކުންފުނިތަކުގެ ޕްރޮޕޯޒަލް ސަރުކާރަށް ލިބިފައިވާކަމަށާއި، މި 5 އަހަރު ނިމޭއިރު ހުޅުމާލޭގައި 13،000 އަށްވުރެ ގިނަ ފުލެޓް ނުވަތަ ހައުސިންގ ޔުނިޓް އިމާރާތް ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނުވަނީ މިފަދަ ތަރައްޤީގެ މަޝްރޫޢުތަށް ކުރިއަށް ގެންދަވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކޮށްގެން ކަމަށްވާއިރު، އެފަދަ އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރައްވަން ސަރުކާރުން ކުރައްވާ މަސައްކަތްވެސް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ބޮޑު އާބާދީއަކަށް ހުޅުމާލެ ތަރައްގީ ކުރައްވަން ފައްޓަވާފައިވާ މަސައްކަތަކީ، އެ މަސައްކަތައް ބޮޑުހިތްވަރެއް އަދި ކުރިއެރުމެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ބޭރުގެ ކުންފުނިތަކުން އިތުރު 10،000 ފްލެޓް ހުޅުމާލޭގައި އެޅުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ 10،000 ފްލެޓާއި މިހާރު ހުޅުމާލޭގައިތަރައްޤީކުރެއްވުމުގެ އެކިމަރުޙަލާތަކުގައިވާ ފްލެޓްތަކުގެ އަދަދު ތޭރަހާހައްވުރެ ގިނަކަމަށެވެ. އެފްލެޓްތަކުން ގާތްގަނޑަކަށް ތިރީހަކަށް ހާސް މީހުންގެދިރިއުޅުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އާ ފްލެޓްތައް އަޅަން ޕްރޮޕޯޒަލް ހުށައަޅާފައިވާ ކުންފުނި ތަކަކީ، ފްލެޓްތައް ބެނުންވާ މީހުންނަށް އެކަށީގެންވާ އަގެއްގައި ކުލި ދެއްކޭނެ ގޮތަށް އަދި ހަމައެހެންމެ ދައުލަތުން އެތަންތަނަށް ފައިސާ އަންބުރާ ދެއްކޭނެކަމުގެ ޤާބިލުކަން ދައުލަތުގެބަޖެޓުން ދެއްކޭ މިންވަރަކަށް އަދަދުތަށް ހަމަޖެހިފައިވާ ކުންފުނިތަކެއް ކަމަށެވެ. 

ހުޅުމާލެ ތަރއްޤީކުރުމުގެ ހުރިހާ ކަމެއް ކުރައްވަނީ ސަރުކާރުގެ ބަޖެޓުންނޫންކަމަށް ވާއިރު، އެކަންކަމަށް ބޭރުގެ އިންވެސްޓަރުން ގެ ދައުރު ބޮޑުކަމަށާއި، އެ އިންވެސްޓަރުން ރާއްޖެ އަންނަމަ ރާއްޖޭގެ އިންވެސްޓުކުރަން އޮންނަ ނިޒާމާއިމެދު ބޭރުގެ ކުންފުނިތަކުގެ އިތުބާރާއި، ކަށަވަރުކަން އޮންނަޖެހޭކަމަށް ރައީސް ޔާމިންވިދާޅުވިއެވެ. އަދި ރާއްޖޭގެ ޝަރުއީ މަރުހަލާއިން މައްސަލަތައް ނިމިގެންދަނީ، ރަނަގަޅަށް އަވަސްކަމާއި އެކީކަން ބޭރުގެ ފަރާތްތަކަށް އެނގި އެކަމުގެ އިތުބާރުއޮންނަން ޖެހޭކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

އެކި އެކި މާލީ މަރުކަޒުތަކާއި ދޭދޭ ކުންފުނިތަކާއި އެކިއެކި ފަރާތްތަކުގެލޯނުފަދަ މައްސަލަތައް އަދުލު އިންސާފުގެ ހުރިހާ މަރުޙަލާއަކުން ގިނަ ވެގެން ހަމަސްދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ކަށަވަރު ކޮށްދެއްވާފައިވާކަމަށާއި، ދުނިޔޭގެ އެއްވެސް ތަނެއްގައިއެމުއްދަތުގެ ތެރޭގައި އެފަދަ މައްސަލަތައް ނުނިމި ހުންނައިރު، އެއީއުފާވެރިކަމެއްކަމަށާއި، އެކަމުގެ ސަބަބުން  އިންވެސްޓަރުންނަށްވެސްއެޔަގީންކަން ލިބިގެންދާނެކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ.