ޚަބަރު

އއ.ބޮޑުފޮޅުދޫގެ ބިން ހިއްކާ ނިމިއްޖެ


  • ބޮޑުފޮޅުދޫ ބިންހިއްކުމުގެ މަޝްރޫޢުގައި 12 ހެކްޓަރު ވަނީ ހިއްކާފައި

  • ދެން ކުރިއަށްދާނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުން

  • ބިން ނެތިގެން ބޮޑުފޮޅުދޫން ގޯތި ދޫނުކުރާތާ ތިރީހަކަށް އަހަރު ވަނީ ވެފައި

އއ.ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީން ނިންމާލައިފިއެވެ.

ބޮޑުފޮޅުދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރ އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހުއެވެ. އަދި މިހާރު ވަނީ އެރަށުން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް މުޅިން ނިންމާފައެވެ.

މިމަޝްރޫޢުގެ ދަށުން ބޮޑުފޮޅުދޫން 12 ހެކްޓަރުވަނީ ހިއްކާފައެވެ. އާބާދީގައި 800މީހުން ދިރިއުޅޭ ބޮޑުފޮޅުދޫއަކީ 8.7 ހެކްޓަރުގެ ކުޑަ ރަށެކެވެ. ބިން ހިއްކުމުގެ މަޝްރޫޢާއެކު ރަށުގެ ބިމުގެ ބޮޑުމިން ދެ ގުނައަށްވުރެ ވަނީ އިތުރުވެފައެވެ.

ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދެން ކުރިއަށްދާނީ ހިއްކި ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. އެގޮތުން 180 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ.

އާބާދީ ކުޑަ ނަމަވެސް، ރަށުގެ ބިން ކުޑަވުމުގެ ސަބަބުން ބޮޑުފޮޅުދޫއަށް އޮތީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމަށް އޮތް ދަތިކަމެވެ. އެރަށުން އެންމެ ފަހުން ބޯހިޔާވަހިކަމަށް ބިން ދޫކޮށްފައިވަނީ މީގެ 30އަކަށް އަހަރު ކުރިންނެވެ. އެރަށުގައި މިހާރުވެސް އަމިއްލަ ބޯހިޔާވަހިކަން ބޭނުންވާ 150އަށްވުރެ ގިނަ މީހުން ތިބިކަމަށް ރަށު ކައުންސިލުންވެސް ފާހަގަކުރައްވައެވެ.

ބޮޑުފޮޅުދޫ ކައުންސިލުން ދެކޭގޮތުގައި، ބިން ހިއްކުމުގެ މަޝްރޫޢަކީ ރަށުގެ ތަރައްޤީއާއި އެންމެ ބޮޑަށް ގުޅިފައިވާ މަޝްރޫޢެވެ. ރަށުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ރަށު ފަތުރުވެރިކަން ފަދަ ވިޔަފާރިތައް ފުޅާކޮށް ރަަށަށް އާމްދަނީ އިތުރުކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމަކީ ކައުންސިލްގެ ޢަމާޒެކެވެ.

ކައުންސިލުން ވިދާޅުވީ ހިއްކާ ބިމުން ގޯތި ދޫކުރުމުގެ އިތުރުން، ސަރުކާރާއި ގުޅިގެން ފްލެޓް ތަރައްޤީކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށެވެ. މިއީ ގިނަ ރައްޔިތުންނަށް އޭގެ އެންމެ ފައިދާ ބޮޑުވާނެގޮތްކަމަށް ކައުންސިލުން ދެކެއެވެ. އަމިއްލަ ގޯއްޗެއް ނެތުމުގެ ސަބަބުން މިހާރުވެސް، ގިނަ އާއިލާތަކުން ދިރިއުޅެމުންދަނީ އެއް ފޫޓެއްގައި ކުދިކުދި ގޭބިސީތައް ހަދައިގެންނެވެ.

މި މަޝްރޫޢަކީ ސަރުކާރުން 74 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.