ޒުވާނުންނަށް މަސައްކަތާއި ހުނަރު އަދި ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށް ޢިމާރާތްކުރާ ނ.ވެލިދޫ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ އޯގަސްޓު މަހުގެ 10ވަނަ ދުވަހުއެވެ. ވެލިދޫ ޖޫނިއަރ ކޮލެޖުގެ މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 9 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި ޖޫނިއަރ ކޮލެޖް ނިމޭއިރު ކިޔަވައިދިނުމަށް ބޭނުންކުރާ ސްމާޓް ކްލާސްރޫމްގެ އިތުރުން އައި.ސީ.ޓީ ލެބޯޓަރީއަކާއި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. އަދި މިއިންސްޓިޓިއުޓުގައި ތަފާތު އެކި ދާއިރާތަކުން ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގުމަށް މަލްޓިޕާޕަސް ވޯކްޝޮޕްތައްވެސް ތަރައްޤީ ކުރާނެއެވެ.
ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތާއި ގުޅޭގޮތުން ވެލިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޢަލީ ވިދާޅުވީ މި ޖޫނިއާރ ކޮލެޖަކީ އެ ރަށައް ވަރަށް މުހިންމު ތަނެއްކަމަށެވެ. ސުކޫލް ނިންމާ ދަރިވަރުންނަށް އެކި ދާއިރާތަކުން މަސައްކަތް ދަސްކޮށްދީ އަދި ތަޖުރިބާ ލިބުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ކައުންސިލްގެ ރައީސް ވިދާޅުވީ އެރަށުގައި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަމާއި ހުނަރު ދަސްކޮށްދީ އެ މީހުންނަށް ފައިދާ ކުރާނެމަގު ފަހި ކުރުމަކީވެސް ކައުންސިލްގެ އަމާޒެއެއްކަމަށެވެ.
"މި ޖޫނިއަރ ކޮލެޖަކީ ވަރަށް މުހިންމުތަނެއް. މިހާރު ސުކޫލް ނިންމާފައި ނިކުންނަ ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުން ވަރަށް މުހިންމު. ދެން ހަމަ އެގޮތަށް ރަށުގައި އެބަތިބި ބައެއް ޒުވާނުން އެ މީހުންނަށްވެސް މަސައްކަތެރިކަމާއި ހުނަރު ދަސްކޮށްދިނުމަށްވެސް މި ކޮލެޖް ވަރަށް މުހިންމު" މުހައްމަދު އަލީ ވިދާޅުވިއެވެ.
މުހައްމަދު އަލީ ވިދާޅުވީ މި ފަދަ ތަނަކަށް ޒުވާނުންވެސް ބޭނުންވެފައިވާ މިންވަރު ކައުންސިލުން އިސްނަގައިގެން ހިންގި އިލެކްޓްރިކް ވޯކްޝޮޕަށް ޒުވާނުންދިން އެއްބާރުލުމުން ހާމަވެގެން ގޮސްފައިވާކަމެއްކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ފަހި ފުރުސަތު ހޯދައިދީ، މުޖްތަމައުގައި ގާބިލްބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މުހައްމަދު ޢަލީ ވިދާޅުވިއެވެ. މި ޖޫނިއަރ ކޮލެޖްގެ ސަބަބުން މި މަސައްކަތައް ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދާނެކަމަށްވެސް މުހައްމަދު އަލީ ވިދާޅުވިއެވެ.
ދިވެހި ޒުވާނުންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖްތަކުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަޙައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. ނ،ވެލިދޫގެ އިތުރުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީކުރުމުގެ މަޝްރޫއާއި ރ.އަލިފުށީގައި ޓިވެޓް ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.
އަތޮޅުތަކުގައި މަތީތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި ޚާއްސަކޮށް މަސައްކަތުގެ ތަޢުލީމާއި ތަމްރީން މިހާރަށް ވުރެބޮޑަށް ފުޅާކުރެއްވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް މިސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ނ.ވެލިދޫގައި ސަރުކާރުން ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ 11.91 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.