ޚަބަރު

މާފުށިން ގޯތިތައް ދޫކުރާ ތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ބުރާސްފަތިދުވަހު


  • މާފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 308 ގޯތި

  • މިއީ 2000 އަކަ ފޫޓްގެ ގޯތިތަކެއް

  • މާފުށިން ގޯތި ދޫކުރަނީ ބިން ހިއްކުމަށްފަހު

މާލެ އަތޮޅު މާފުށިން ގޯތި ލިބޭ ފަރާތްތަކަށް، ގޯތި ލިބޭ ތަން ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

ކ.މާފުށިން 308 ގޯތި ދޫކުރުމަށް ހުޅުވާލުމުން، އެކަމަށް އެކަމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓް ވަނީ މިމަހުގެ 7 ވަނަ ދުވަހު ގެޒެޓްކޮށްފައެވެ.

މާފުށި ކައުންސިލުން ވިދާޅުވީ ދެން އޮންނާނީ ގޯތިތައް ލިބުނު މީހުންނަށް، ގޯތި ދޭ ތަން ކަނޑައެޅުންކަމަށެވެ. އެގޮތުން އެކަމަށް ބާއްވާ ގުރުއަތުލުން އަންނަ ބުރާސްފަތިދުވަހު އޮންނާނެކަމަށްވެސް މާފުށި ކައުންސިލުން ވިދާޅުވެއެވެ.

ކައުންސިލުން ވިދާޅުވީ ގުރުއަތުލުން އޮންނާނީ ބުރާސްފަތިދުވަހުގެ ހަވީރު 4:00 ގައި މާފުށީ ސްކޫލްގައި ކަމަށެވެ.

މާފުށި ކައުންސިލުން ވަނީ ގުރުއަތުގައި ބައިވެެރިވުމަށް ގޯތި ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުން ނުވަތަ ބަދަލުގައި އެހެން މީހަކު ފޮނުވަން އިލްތިމާސްކޮށްފައެވެ. އަދި ގޯތި ލިބުނު މީހާގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހާގެ ފުރިހަމަ މަޢުލޫމާތާއި ގުޅޭނެ ނަމްބަރު ގުރުއަތުލުން ބޭއްވުމުގެ އެއްދުވަސް ކުރިން ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ.

ކައުންސިލުން ވިދާޅުވީ ގުރުއަތުލުމުގައި ބައިވެރިނުވެވޭ މީހުން ތަމްސީލުކުރާނީ ގުރުއަތު ކޮމިޓީގެ ފަރާތުން ކަނޑައަޅާ އެކޮމިޓީގެ މެމްބަރެއްކަމަށެވެ.

މާފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 308 ގޯއްޗަކީ 2000 އަކަފޫޓުގެ ގޯތިތަކެކެވެ.

އެ ރަށުން ގޯތި ދިނުމުގެ މަސައްކަތް ފެށީ، ރަށުގެ ފަޅުން 25 ހެކްޓަރުގެ ބިން ހިއްކުމަށްފަހުއެވެ.