ވިޔަފާރި

އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ދިނުމަށް ވަކި ކުންފުންޏެއް އުފައްދައިފި


  • މި ކުންފުންޏަކީ އެމްއޭސީއެލްގެ ސަބްސިޑަރީއެއް

  • ކުންފުނީގެ އެމްޑީއަކީ އެއާ ޓްރެފިކް ކޮންޓްރޯލަރ މުހައްމަދު އަތުހަރު

  • ރާއްޖޭގެ ވައިގެ ސަރަހައްދުގެ މޫވްމެންޓު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން

އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ދިނުމަށް އެކަމަށް ވަކި ޚާއްސަ ކުންފުންޏެއް އުފައްދައިފިއެވެ. މި ކުންފުންޏަށް ދީފައިވާ ނަމަކީ ”މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް“ އެވެ.

މިއީ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެކެވެ. މޯލްޑިވްސް ނޭޝަނަލް އެއަރ ޓްރެފިކް ސަރވިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު އަތުހަރުއެވެ.

ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ކުރާ ދަތުރުތައް މިހާތަނަށް ބަލައި ދިރާސާކޮށް ރެގިއުލޭޓްކުރަމުންދިޔައީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އެއަރ ޓްރެފިކް މެނޭޖްމަންޓްގެ ޔުނިޓްގެ ދަށުން އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި ކޮންޓްރޯލް ސެންޓަރުންނެވެ. ނަމަވެސް މި ކުންފުނި އުފެދިގެން ދިއުމާއިއެކު މި މަސައްކަތްތައް ކުރާނީ މި ކުންފުނީގެ ދަށުންކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި ވީއައިއޭގެ އެއަރ ޓްރެފިކް ޓަވަރާއި އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ސަރުކާރުން މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކުރައްވާފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، އެއަރ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފެއްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް މި ޚިދުމަތް ދިނުމަށްކަމަށެވެ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ކުރިއެރުންތަކާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ މޫވްމެންޓު ވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިކަމަށް ވަކިން ޚާއްސަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެކެވެ.