ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްގެކެވެ. އެހެންނަމަވެސް 21 ވަނަ ޤަރުނުގައި އަދިވެސް މިކަން ކަށަވަރުނުކުރެވޭ ރަށްރަށް ރާއްޖޭގައި އެބަހުއްޓެވެ. ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށްރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ރައްކާތެރި ފެނާއި ނަރުދަމާ ނެތުމުގެ މައްސަލައެވެ. މިލިސްޓުގައި އެތައް ޒަމާނެއް ވަންދެން އޮތުމަށްފަހު ފެނާއި ނަރުދަމާ ކަށަވަރުވެގެންދިޔަ އެއް ރަށަކީ، ބ.ކަމަދޫއެވެ.
900 މީހުން ދިރިއުޅޭ، ބ.އަތޮޅު ކަމަދޫއަކީ ރާއްޖޭގައި ފަތުރުވެރިކަމުގައި އެންމެ ނަން ހިނގާ ބ.އަތޮޅުގެ މުހިންމު ރަށެކެވެ. ގިނަ ގެސްޓްހައުސްތަކެއް ހިންގަމުން ދިޔަނަމަވެސް އެރަށުގެ ގެސްޓްހައުސް ވިޔަފާރިކުރާ މީހުންނާއި، ރަށަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ކުރިމަތިވެފައިވާ އޮތް ދައްޗަކީ ރަށުގެ ފެނުގައި ނުބައިވަސް ދުވުމުގެ މައްސަލައެވެ. ފެން ލޮނުވުމުގެ މައްސަލައެވެ.
ރަނގަޅު ނަރުދަމާއެއް ނެތުމުގެ މައްސަލައެވެ. މިޝަކުވާ އެރަށު ކައުންސިލާއި ރައްޔިތުން ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް ކޮށްފިއެވެ. އެހެންނަމަވެސް އާބާދީގެ މަދުކަމާއެކު އެރަށް އޮތީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެވެސް ލިސްޓުގެ ފަހަތުގައެވެ. ކަމަދޫ ރައްޔިތުންވަނީ ކަމަދޫއަށް ކުރިމަތިވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ އޮތް މިންވަރު ޕީއެސްއެމްނިއުސްއާއި ހިއްސާކޮށްފައެވެ.
"އަޅުގަނޑުމެން ފެންވަރަމުން އައީ ނަޖިސް ފެނުން. ތުއްތު ކުދިން މިފެނުން ފެންވެރުވީމަ ގައިގަ ބިހިނަގާ ހަންގަނޑު ހަލާކުވޭ. އެހެންވެ ފެންވަރުވާފައި ވާރޭފެން އެކުދިން ގަޔަށް އަޅަންޖެހޭ." އެރަށު މީހަކު ބުންޏެވެ.
"މިރަށުގެ ވަރަށް ގެސްޓް ހައުސް ވިޔަފާރި އޮވޭ. އެކަމަކު ފެން ތަޣައްޔަރުވީމަ އޭގެ ދަތިކަން ވަރަށް ބޮޑަށް އެބަކުރިމަތިވޭ. އަނެއްހެން ބުނަންޏާ މިރަށު މީހުން ފެންވަރަނީ ލޮނުފެނުން." އެރަށު ޒުވާނަކު ބުންޏެވެ.
ކަމަދޫ ރައްޔިތުންގެ ޝަކުވާ އަޑުއައްސަވާ މިސަރުކާރުންވަނީ މިކަމަށް ޙައްލެއް ގެނެސްދެއްވުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއާ ސަރުކާރުން ހަވާލުކުރެއްވީ 2021 ވަނަ އަހަރުއެވެ. މިމަސައްކަތުން ރަށުގެ 300 އަށްވުރެ ގިނަ ގޭބިސީއަށް މިހާރުވަނީ ފެން ގުޅައިދީފައެވެ. އެރަށުގައި ދިރިއުޅޭތާ 60 އަށްވުރެ ގިނަ އަހަރުވީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމަށް މިއަދު މިވަނީ ނިމުން ގެނެވިފައެވެ.
"ދައްތަމެން މިއަދު މިތިބީ ވަރަށް އުފަލުން. ހަމަ ލޮލުން ކަރުނަ އާދޭ މިފަދަ ދުވަހެއް ފެނުނީމަ." އެރަށު މީހަކު ބުންޏެވެ.
"ވަރަށް ގިނަ ވެރިންގާތު މިވާހަކަ ދެއްކިއްޖެ، އެކަމަކު މިސަރުކާރުން ނޫނީ އަޑުއެހި ސަރުކާރެއް ނެތް." އިތުރު މީހަކު ބުންޏެވެ.
ގުދުރަތީ ރީތިކަމާއި ރަށުގެ ފެހިކަންގަދަ ގަސްތަކާއި، ކަމަދޫގެ ހިތްހެޔޮ ރައްޔިތުންގެ ސަބަބުން ކަމަދޫއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. މިހާރުވެސް 14 ގެސްޓްހައުސް އޮޕަރޭޓްކުރަމުންދާއިރު ކަމަދޫއަކީ ދަރަވަންދޫއަށްފަހު އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވާ ރަށެވެ. އަދި އިތުރު 6 ގެސްޓްހައުސް އަންނަ އަހަރު ހުޅުވުމަށް މަސައްކަތް ކުރަމުންދާއިރު، އަތޮޅުގެ ބެޑް ކެޕޭސިޓީ އެންމެ ބޮޑު ރަށަށް ހެދުމަކީ ރަށު ރައްޔިތުންގެ ބޮޑު ޢަޒުމެކެވެ.
ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ވިޔަފާރިއަށް ބޭނުންތަކަށް ދޫކުރުމަށް ގިނަ ބިންތަކެއް ކައުންސިލުންވަނީ ހަމަޖައްސާފައެވެ. އެމަސައްކަތްތައް އަންނަ އަހަރު ފެށިގެން ދިޔުމާއެކު ކަމަދޫވެގެންދާނީ ފަތުރުވެރިކަމުގައި ރާއްޖޭގައި ހިންގާނެ ވަރުގަދަ ބްރޭންޑަކަށެވެ. މީގެ ކުރިން މިސިނާޢަތަށް ކުރިމަތިވެފައި އޮތް ހުރަސް ނައްތާލެވި، ރަށުގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ޤާއިމުވެގެން ދިޔުމުން ފަތުރުވެރިންގެ މެދުގައި އަދިވެސް ބޮޑަށް ރަށުގެ މަޤުބޫލުކަން އިތުރުވެގެންދާނެކަމަށް އެރަށު ރައްޔިތުން އުއްމީދުކުރެއެވެ.