ޚަބަރު

ރިޟުވާނު ގެއްލުމަކީ ބަޔަކު ދުރާލާ ރާވާއިގެން ހިންގި އަމަލެއް


ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާނު އަބްދުﷲ ގެއްލުމަކީ ބަޔަކު ދުރާލާ ރާވާއިގެން ހިންގި އަމަލެއްކަން ތަހުޤީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރިޟުވާނު އަބްދުﷲ ގެއްލުނުފަހުން ފުރަތަމަ ފަހަރަށް އެ މައްސަލަ އާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަހުޤީގުންވެސް ރިލްވާނު ދިރިހުރިކަމެއް ނުވަތަ ނޫންކަން ޔަގީންކުރެވިފައި ނުވާކަމަށެވެ. ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟުވާނު އަބްދުﷲ ގެއްލިފައިވާކަމަށް ފުލުހުންގެ ތަހުޤީގުތަކުން އެނގެނީ 2014 އޮގަސްޓް 8 ވަނަ ދުވަހުގެރެއެވެ.

ރިލްވާނު ގެއްލުމު މައްސަލައިގެ ތަހުޤީގާއި ގުޅޭ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަބްދުﷲ ޝަތީހު ވިދާޅުވީ، ފުލުހުން މިހާތަނަށް ތަހުޤީގަށް އެއްކުރި ވީޑިއޯ ފުޓޭޖްތަކުން ފެންނަގޮތުން ރިޟުވާނުގެ ފަސްފަހަތުން އެރޭ ބަޔަކު ފާރަލާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން މިއަދު އާއްމުކުރި ވީޑިއޯތަކުން ރިޟުވާނަށް ދެ މީހަކު ފާރަލާ އެނާގެ ހުރިހާ ހަރަކާތްތަކެއް ބަލަމުން މާލޭގެ މަގުތަކުގައި ދުއްވާފައިވެއެވެ. އަދި ރިޟުވާނަށް ފާރަލީ ކުޑަހެންވޭރަށް ނިސްބަތްވާ ބައެއް ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސ. ހުޅުދޫ އަތިރިއާގޭ މުޙައްމަދު ސުވައިދު ކަމަށް ވިދާޅުވިއެވެ.

ޝަތީހު ވިދާޅުވީ، 2014 އޮގަސްޓް އަށްވަނަ ދުވަހުގެރޭ ދަންވަރު ރިޟުވާނު ހުޅުމާލެއަށް ދިޔަކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި، އޭގެފަހުން އޭނާ އެއްވެސް ތަނަކުން ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް ހަމަ އެރޭ ހުޅުމާލޭގައި ރިޟުވާނު ދިރިއުޅޭ ފްލެޓް ސަރަހައްދުން މީހެއްގެ ހަޅޭކުގެ އަޑު އިވުނުކަމަށާއި، އެވަގުތު އެތަނުންދިޔަ ކާރެއްގެ ދޮރު ނުލައްޕާ ހުރި ކަމަށާއި، އަދި އެ ކާރުގެ ތެރެއިން މީހަކު އަތްހޫރަމުން ދިޔަކަން ތަހްޤީގަށް މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި ފުލުހުންނަށް އެ މައުލޫމާތުު ލިބިގެން އެތަނަށް ދިޔައިރު އެ ސަރަހައްދުގައި ކާރު ފެންނަން ނެތްނަމަވެސް އެ ސަރަހައްދުން ބެނެޓް ވަޅިއެއް ފެނިފައިވާކަމަށް ޝަތީހު ވިދާޅުވިއެވެ. އަދި އެކާރުން ނެގި ސާމްޕަލްތަކުން ބައެއް ރިޟުވާނުގެ މަންމަގެ ޑީ.އެން.އޭއާއި ދިމާވާކަމަށްވެސް ޝަތީހު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ރިޟުވާނު ގެއްލުނު މައްސަލައިގައި އޭނާއަށް ފާރަލީ ސުވައިދު ހިމެނޭހެން 5 މީހަކު ހައްޔަރު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެ 5 މީހުން ވެސް އޭރުހުރި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ދޫކުރައްވާފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ، ރިޟުވާނު ލިިޔާ ބައެއް ލިޔުންތަކުގެ ސަބަބުން ދީނީ ހަރުކަށި ފަރާތްތަކުގެ ނުރުހުން އޭނާއަށް ހުރިކަންވެސް ތަހުޤީގަށް އެނގިފައިވާކަމަށެވެ. ރިޟުވާނު ގެއްލުމުގެ މައްސަލައަށް މިހާރު ލިބިފައިވާ ހެކިތަކުގެ މައްޗަށް ބީނާކޮށް މިހާރުވެސް ތަހުޤީގުތައް ކުރިޔަށް ގެންދަވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާތަނަށް ރިޟުވާނު ހޯދުމަށްޓަކައި، ހުޅުމާލެއިން ގުދަންތަކާއި، ޕާކު އަދި އެހެނިހެން ބިންތައް ހިމެނޭގޮތަށް 139 ތަނެއް ބަލާ ފާސްކުރެވުނު ކަމަށާއި، މާލެއިން 14 ތަނެއް އަދި، ވިލިނގިއްޔާއި، ރާއްޖޭގެ ހުރިހާ ރަށްރަށުގައިވެސް ރިޟުވާނު ހޯދުމުގެ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރިޟުވާނު ހޯދުމުގެ ތަހުޤީގަށް 134 މީހުންގެ ބަޔާން ނަގައި، ރިޟުވާނާއި ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކުގެ ފޯނު ކޯލްތައްވެސް ބެލިކަމަށް ފުލުހުން ވިދާޅުވެއެވެ.

ރިޟުވާނު ގެއްލުމަކީ އޭނާގެ އާއިލާއާއި، މުޅި ރާއްޖެވެސް ކަންބޮޑުވާ ކަމަކަށްވާއިރު، އެކަމުގެ ހަޤީގަތް ހޯދުމަށްޓަކައި ވަރަށް އިސްކަން ދެއްވައިގެން ތަހުޤީގު ފުޅާދާއިރާއެއްގައި ކުރިއަށްގެންގޮސް އެ މަސައްކަތް ހުއްޓާނުލައްވާ ކުރައްވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން މައުލޫމާތު ދެއްވައެވެ.