ޚަބަރު

ގަން އެއަރޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް، ޓަރމިނަލް މަސައްކަތް ޖެނުއަރީގެ ކުރިން ފަށާނެ


  • އެރަޕޯޓް ތަރައްޤީކުރަނީ 1.5 މިލިއަން ޕެސެންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް

  • ޓަރމިނަލުން ފިޔަވަ އެހެން ހުރިހާ މަސައްކަތްތައް ވަނީ ފަށާފައި

  • މިއީ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް

އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޓަރމިނަލްގެ މަސައްކަތްފިޔަވާ އެހެން ހުރިހާ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން ބުނެފިއެވެ. އެކުންފުނިން ބުނީ ޓަރމިނަލްގެ މަސައްކަތް އަންނަ ޖެނުރިއަރީ މަހުގެ ކުރިން ފެށޭނެކަމަށެވެ.

އިންޓަނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި އައްޑޫ ގަން އެއަރޕޯޓް މިހާތަނަށް ހިންގަމުންއައި ނަމަވެސް، އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް ކުރިއަރާފައެއް ނުވެއެވެ. ސަބަބަކީ އެކަމަށް ބޭނުންވާ ވަސީލަތައް އެއަރޕޯޓްގައި ޤާއިމުވެފައި ނެތުމެވެ.

އައްޑޫ ސިޓީގެ ބޮޑު ޢަމާޒެއް އޮތީ، ފަތުރުވެރިކަމާ ދިމާލަށެވެ. ގެސްޓްހައުސްތަކާއި އަލަށް ތަރައްޤީކުރާ ރިސޯޓްތަކާއެކު، ފަތުރުވެރިކަމަށް އަލަށް 8000 އެނދު ނެރުމަކީ ޢަމާޒެވެ. މި ޚިދުމަތާއި އަދި މުޅި އައްޑޫ ސިޓީގެ ތަރައްޤީއާއި ގުޅޭގޮތުން އެ ސިޓީގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢުއަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ޖޫންމަހުގެ 5ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ.

ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވީ، މި ޕްރޮޖެކްޓްގައި ޓަރމިނަލްގެ މަސައްކަތް ފިޔަވަ ދެން ހުރި ހުރިހާ މަސައްކަތެއް ފަށާފައިވާކަމަށެވެ.

އެގޮތުން އެޑްމިނިސްޓްރޭޝަން ބްލޮކާއި، އެއެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، ފަޔަރ އެންޑް ރެސްކިއު ބިލްޑިންގްގެ މަސައްކަތްތައް ވަނީ ފަށާފައިވެއެވެ. މިހާރު ކުރަމުންދަނީ އެ އިމާރާތްތަކުގެ ފައުންޑެޝަންގެ މަސައްކަތެވެ. ގައިސް ވިދާޅުވީ މި މަސައްކަތްތަކާއި އެކުއެކީގައި، ގަމުގެ މަގުތައް ހެދުމާއި، އެއަރޕޯޓް ޖެޓީ ހެދުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށްދާކަމަށެވެ.

އެންމެ ބޮޑު މަސައްކަތަކީ ޓަރމިނަލްގެ މަސައްކަތެވެ. ގައިސް ވިދާޅުވި ޓަރމިނަލްގެ ޢަމަލީ މަސައްކަތް ފެށުމުގެ ފަހުގެ ތައްޔާރީތައްވަމުންއަން ކަމަށާއި، ޖެނުއަރީގެ ކުރިން އެ މަސައްކަތް ފަށާނެކަމަށެވެ.

"ޓައިމްލައިނާ އެއްގޮތަށް ހުރިހާ މަސައްކަތްތައްވެސް ފެށި އަންނަނީ ކުރިއަށްގެންދަމުން. ޓަރމިނަލް ނޫން އެހެން ހުރިހާ މަސައްކަތްތައް ފެށިއްޖެ. ޖެނުއަރީގައި ލަސްވެގެން ޓަރމިނަލްގެ މަސައްކަތް ފަށާނަން. މުޅި މަޝްރޫޢު 2025ގެ މަރޗްއަށް ނިންމާނަން." ގައިސް ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް މިވަގުތު ރާއްޖެއިން ބޭރުން ފްލައިޓް ބާއްވަނީ ލައްކާއިން އެކަންޏެވެ. އެއީ ހަފްތާއަކު 3 ދަތުރެވެ. އަދި ޑޮމެސްޓިކް ދަތުރުތަކުގެ ގޮތުގައި ދުވާލަކު 5-7 ދަތުރު ބާއްވައެވެ.

އާ ޓަރމިނަލަކާއެކު ދުނިޔޭގެ އިތުރު މަންޒިލްތަކަށް ގަމަށް ދަތުރުތައް ބާއްވާނެއެވެ. އަލަށް ތަރައްޤީކުރާ ޓަރމިނަލްއަކީ 1.5 މިލިއަން ފަތުރުވެރިންނަށް އަހަރަކު ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލްއެކެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެން، ލައުންޖްތަކާއި، އެހެނިހެން ވަޞީލަތްތައް ހިމެނެއެވެ.

މި ޕްރޮޖެކްޓްގައި ރަންވޭގެ މަސައްކަތެއް ނުހިމެނޭނެއެވެ. ގަން އެއަރޕޯޓް ރަންވޭ ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް 2016ވަނަ އަހަރު ހިންގާފައިވެއެވެ. މި ރަންވޭއަކީ އޭ-380 ފިޔަވާ، އެހެން ހުރިހާ ވައިޑް ބޮޑީ އެއަރ ކްރާފްޓްތަކަށް ބޭނުންކުރެވޭ ފެންވަރުގެ ރަންވޭއެކެވެ.

މި މަޝްރޫޢުއަކީ 28.5 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.